ހަބަރު

ކުނި އެޅި މައްސަލާގައި މަހުލޫފާއި އީވާ ފުލުހަށް ހާޒިރުކުރަނީ

ރައީސް ޔާމިންގެ ގެކޮޅު ކުރިމައްޗައް ޑޮލަރު ތަކެއް ގޮތަށް ޗާޕްކޮށްފައި ހުރި ކަރުދާސްތަކެއް އެޅި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފި އެވެ. ދެ މެންބަރުނަށް ވެސް މިއަދު ވަނީ އެކަމުގެ ޗިޓް ފޮނުވާފަ އެވެ.

އިއްޔެ މެންދުރު ވަގުތެއްގައި ރައީސް ޔާމިން ދިރިއުޅުއްވާ ގެކޮޅު ގ. ދޫވެހި ކުރިމައްޗައް އުކާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯއަކާ އެކު ޑޮލަރު ގޮތަށް ޗާޕްކޮށްފައިވާ ކަރުދާސްތަކެކެވެ. ހައުސިން މިނިސްޓްރި އިން ބުނަނީ އެއީ މާލޭގެ މަގުތަކަށް ގަސްތުގައި ގިނަ އަދަދެއްގެ ކުނި އެޅީކަމުގެ ބެލެވޭނެ ކަމަށެވެ.

ދެ މެންބަރުންނަށް ވަކިވަކީން ފޮނުވާ ޗިޓްގައި އީވާއަށް ވަނީ މާދަމާ ހަވީރު 3:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފަ އެވެ. މަހުލޫފަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:30 އަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ދެ މެންބަރުން ވެސް ހާޒިރުކުރަނީ ބަލަމުންދާ މައްސަލައެއްގައި ކަމަށެވެ. މަގުމައްޗަށް ކުނި އެޅި މައްސަލާގައި އިއްޔެ މަހުލޫފާއި އީވާ ވަނީ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ)އަށް ވެސް ހާޒިރުކޮށްފަ އެވެ.

މިއަދު ޖަސްޓިސް ބިލްޑިން ކުރިމަތީ ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެންބަރު މަހުލޫފް ވިދާޅުވީ، މާދަމާ ފުލުހުންނަށް ހާޒިރުވާން އެންގި ސީދާ ސަބަބެއް ނޭނގޭ ކަމަށާއި އެކަމަކު ބޮޑަށް ބެލެވެނީ އެއީ އިއްޔެ ރައީސް ގެކޮޅު ކުރިމައްޗަށް ޑޮލަރުތަކެއް އެޅި މައްސަލާގައި ކަމަށެވެ.