ހަބަރު

ތަހުގީގަށް ޝައިހާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފި

ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރުވެފައި އޮތްވާ ފެނުނު ހަތަރު އަހަރުގެ ޝައިހާގެ ހަށިގަނޑު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ. ޝައިހާ މަރުވެފައިވަނީ، އޭނާގެ މަންމަ ށ. ފުނަދޫ ދިނަށަ، އައިޝަތު ޝަހީދާ 29އ.ގެ ހަމަލާތަކެއްގެ ޝިކާރައަކަށްވެ އެވެ. ޝަހީދާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ، ބަލަންޖެހޭ އިތުރު ބެލުންތައް ބެލުމަށް ޝައިހާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. ޝައިހާ ވަޅުލަން ވެސް ނިންމާފައިވަނީ ކުޅުދުއްފުށީގަ އެވެ.

ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާމް އަވަސްއަށް ވިދާޅުވީ ކައުންސިލަށް އެ ހާދިސާ ހިނގާފައިވާކަން ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ. އެ މައުލޫމާތު ކައުންސިލަށް ދިނީ، ކުއްޖާގެ ކާފަ ކަމަށް ވީޝާމް ވިދާޅުވި އެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 5:40 ހާއިރު އެވެ.

ރޭގެ ވަގުތެއްގައި ހިނގާފައިވާ މި ހާދިސާގައި ހަތަރު އަހަރުގެ ކުއްޖާގެ ގައިގެ އެކި ތަންތަނަށް ހުރީ ވަޅި ހަރައިފަ އެވެ. އަދި އެ ކުއްޖާ އޮތީ ލެއިން ތައްތެޅިފަ އެވެ. އަދި އެ ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރޭގައި އޮތެވެ.

މި މައްސަލަ ތުހުގީގުކުރުމަށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ ނޫމަރާއަށް ގޮސްފަ އެވެ. ފުލުހުން ދަނީ އެ ހާދިސާ ހިނގި ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ތަހުގީގުކުރަމުންނެވެ. ޖެންޑަ މިނިސްޓްރީގެ ޓީމެއް ވެސް ވަނީ އެރަށަށް މައްސަލަ ތަހުގީގުކުރުމަށް ގޮސްފަ އެވެ.

ޝަހީދާއަކީ، ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް ނޫމަރާ ކައުންސިލުން ވަނީ ބުނެފަ އެވެ. ނޫމަރާއަށް ޝަހީދާގެ އާއިލާ ދިރިއުޅުން ބަދަލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އޭގެ ކުރިން އެ އާއިލާ ދިރިއުޅުނީ ށ. ފުނަދޫގަ އެވެ. އަވަސްއަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ، ފުނަދޫގައި ޝާހިދާ ދިރިއުޅުނުއިރު، ދަރިންނަށް އަނިިޔާކުރާ ކަމުގެ އެއްވެސް ރިޕޯޓެއް އެއްވެސް މީހެއްގެ ފަރާތުން ލިބިފައިނުވާ ކަމަށެވެ. އަދި ޝާހިދާގެ ނަފުސާނީ ބައްޔެއް ހުންނަކަން ވެސް އެނގިފައިނުވާ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، ފުނަދޫ ޕަބްލިކް ހެލްތް ޔުނިޓުގައި ވެސް ޝާހިދާގެ ނަފުސާނީ ބައްޔެއް ހުންނަ ކަމަށް ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ. ޝާހިދާގެ އިތުރު ދެ އަންހެން ކުދިން ވެސް ތިބެ އެވެ. އޭނާ ދިރިއުޅެމުންދަނީ ފިރިމީހާއާއެކު ވެސްމެ އެވެ.