ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޕީޕީއެމް އިން ކެންޑިޑޭޓަކު ނެރޭނެ: ޖަމީލް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވި ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނާނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލް އަދި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ރޭ ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވުނު ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. ޕީއެންސީން ކެންޑިޑޭޓަކު ނެރުމަކީ އެންމެ ފަހުގޮތް ނުވަތަ "ވޯސްޓް ކޭސް ސިނާރިއޯ" ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އޯލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާވެސް އޮންނާނީ ޕީޕީއެމް އޮލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީ އަންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ އަށް،" ޖަމީލު ވިދާޅުވި އެވެ.

އޭނާ މީގެކުރިންވެސް ވިދާޅުވި ގޮތުގައި ރޭ ވެސް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތުގައި އިލެކްޝަންސްގެ ވަކީލުންނާއި އޭޖީގެ ވަކީލުންނަށް ސީދާ ހުށަހެޅިފައި އޮތް މައްސަލައިގައި ވާހަކަދެއްކިފައި ނެތް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ އަދިވެސް ޕީޕީއެމްގެ އުއްމީދަކީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވިގެން ދިއުން ކަމަށެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަހްމަދު ޝިޔާމު ވެސް ރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ. އެގޮތުން ޕްލޭން އަކީ ރައީސް ޔާމީން ކަމަށާއި ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމުގައި ވިދާޅުވި އެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ފުރުސަތު އޮތީ ޕްލޭން އޭ އާއި ޕްލޭން ބީ މަސައްކަތް ނުކުރާ ހާލަތެއްގައި ކަަމަށް ޝިޔާމު ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވާނަމަ ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދިނުމަށް ކެންޑިޑެސީ މައްސަލައިގެ ތެރެއިން ރައީސް ޔާމީން ވެސް ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ހުންނާނެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން މިގެންދަވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި "ބެކަޕް" ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެންް ރައީސް ޔާމީން އެދިވަޑައިގަތުމާ ގުޅިގެން ޕީއެންސީ އިން ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ދޭން ނިންމާފައި ވަނިކޮށެވެ.