ކުރިއަށް އޮތްވ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ވޯޓަށް އެހުމުން ޕީޕީއެމް ޕީއެންސީގެ ގުޅިފައިވާ ސެނެޓުގެ ވޯޓުން އިންތިހާބު ބޮއިކޮޓް ނުކުރަން ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް ޕީއެންސީ ސެނެޓުން ފާސްކޮށްފައި މިވަނީ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް ޔާމީން އަންގަވާފައި ވަނިކޮށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެވެން އޮތީ ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ކަމަށް ފެންނާތީ އެގޮތަށް ރައީސް ޔާމީނަށް ލަފާ އެރުވުމަށް ޕީޕީއެމް ޕީއެންސީ ސެނެޓުން މިއަދު ނިންމާފައިވާ ކަަމަށެވެ.
"އަދި ރައީސްގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް ސެނެޓް އެއްކޮށް އިއްތިފާގުވޭ،" ތޮލާލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ގުޅިފައިވާ ސެނެޓް ބައްދަލުވުމަށް ހާޒިރުވީ 126 މެންބަރުންނެވެ. ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 45 މެންބަރުންނެވެ. ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވި އެވެ.
މި ވޯޓަށް ފުރަތަމަ އަހަން އުޅުނު ވަގުތު ވަރަށް ބޮޑަށް ސެނެޓް މެންބަރުން ހިޔާލުތަފާތުވެ ބޮޑު އަރާރުމަކަށް ދިއުމާ ގުޅިގެން ބައްދަލުވުން ވަގުތުކޮޅަކަށް މެދުކަނޑާވެސް ލިއެވެ.
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވިއިރު ޕީޕީއެމްއާ އެކު ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރާ ޕީއެންސީ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީ އިން އިންތިހާބުގައި ވާދަކުރުމަށް ނިންމާ ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދީފަ އެވެ. ނަމަވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ "ޕްލޭން ސީ" ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ވިދާޅުވަމުން ގެންދަވާތީ ޕީޕީއެމް އާއީ ޕީއެންސީގެ ތެރޭގައި މިހާރު ވަނީ އެކަމުގައިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްލޭން އޭ އަކީ ރައީސް ޔާމީން އެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެވޭނަމަ ޕްލޭން ބީ އަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވެސް ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.