ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަނުކުރުމަކީ މުޅި ގައުމަށް ލިބޭބެ ދެރައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދ. މީދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ސިޔާސީ މަސްރަހު ކުރިއަށް ދަމުންދާ ގޮތާ މެދު އެމަނިކުފާނު ކަންބޮޑުވާ ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތެއް ހިންގޭނީ ވާދަވެރިކަމާއެކު ހުރިހާ ޕާޓީއަކުން މަސައްކަތް ކޮށްގެން ކަމުގައި ވިދާޅުވި އެވެ.
"ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، އަޅުގަނޑުމެންގެ ވާދަ ވެރި ސިޔާސީ ޕާޓީއަށް އެންމެ ފަހު ވަގުތާއި ޖެހުނު އިރުވެސް ކެންދީޑޭޓެއް ކެންޑިނޭޅި އޮތުމަކީ އެ ޕާޓީގެ މެމްބަރުންނަށް ލިބިގެންދާ ދެރައެއް. މުޅި ގައުމަށްވެސް ލިބިގެންދާ ދެރައެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ޕީޕީއެމް އިން މަސައްކަތް ކުރަމުން އެ ދަނީ އިންތިހާބު ބޯއިކޮޓް ކުރުމަށް ކަމަށެވެ. ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް ވަކި މީހެއްގެ ފަހަތުގައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ފެނިގެންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް އެކަން ކަނޑައްތު ކުރިން. 2018 ވަނަ އަހަރާ ޖެހެންދެންވެސް އެކަން އޮތީ އެ ގޮތަށް. އެހެންނަމަވެސް ޕާޓީގައި އޭރު ތިއްބެވި އިސް ބޭފުޅުން ނިކުމެ ވަޑައިގެން އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވުނު،" ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް ރައީސް ސޯލިހުގެ ކެނޑިޑެސީ ވަނީ ރޭގައި ބަލައިގެންފަ އެވެ. ރައީސް ވިދާޅުވީ ވާދަވެރިންގެ ތެރެއިން އެންމެ ފުރަތަމަ އީސީއަށް ފޯމު ހުށަހެޅުއްވީ އެ މަނިކުފާނު ކަމަށެވެ. އެއީ ވެސް ހެޔޮފާލެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރަސްމީ ގޮތުގައި ކެނޑިޑޭޓަކަށް ވުމަށް ފަހުގައި އެންމެ ފުރަތަމަ ދަތުރު ކުރެއްވީ މީދޫ އަށެވެ.
ރައީސް ވިދާޅުވީ މީދޫއިން މިއަދު ފެނިގެން ދިޔަ މަންޒަރަކީ އުފާވެރި އަމާން ރާއްޖެއަކަށް ކުރަމުންދާ ދަތުރުގައި އެ ރަށު ރައްޔިތުން ބައިވެރިވެ ތިބިތަންކަމަށެވެ.
"އެ ޔަގީންކަން ލިބިގެން ދަނީ އަޅުގަނޑުމެންނާއެކީގައި މި ދާއިރާގެ އިއްޒަތްތެރި މެމްބަރު، އެމްޑީއޭގެ ރައީސް ވެސް ހުންނެވުމާއި އެކީގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާވީ މީދޫއަކީ ވަރަށް ގަދީމީ، ތާރީހީ އަދި އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާ ކުރާ ރަށެއް ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް މި ރަށުގެ ރައްޔިތުން އެންމެ ގިނައިން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށްވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ކުރިއަށް އޮތް ދައުރުގައި މީދޫގައި ބޮޑެތި ހުރިހާ މަގުތަކެއް ހަދައިދީ ރޯހައުސް ނުވަތަ ފްލެޓް އަޅައިދީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލު ކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ތެރޭގައި އޭޓިއެމް ބަހައްޓައި ސިއްހީ ހިދުމަތްތައް މިއަށް ވުރެ ވެސް ރަނގަޅު ކޮށް ރައްޔިތުން ބޭނުންވާ ގޮތައް ރައްޔިތުން އެދޭ ގޮތައް މީދޫގެ ހުރިހާ ކަމެއް ކޮށްދޭނެކަމަށެވެ. އަދި އެ ރަށުގައި އައިސްޕްލާންޓެއް ވެސް ބަހައްޓައިދެއްވާ ކުދި ލޯންޗުފަހަރަށް ކައިރި ކުރެވޭ ގޮތަށް ބަނދަރު ތަރައްގީ ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސިޔާސަތު ތަކުގެ ތެރެއިން ފުރަތަމަ ސިޔާސަތު މިރޭ ކުޑަހުވަދޫގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކުލަވާލައިފައިވާ ސިޔާސަތުއް ހާމަ ކުރައްވަން އަޅުގަނޑުމެން އެބަ ފައްޓަން. އެ ސިޔާސަތުތަކުގެ ތެރޭގައި މަސްވެރިކަމާއި ގުޅުން ހުރި ސިޔާސަތުތައްވެސް ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ސިޔާސަތުތަކާއެކީގައި ކަމަށެވެ. އަދި އޭރު ވާދަވެރިން ބުނަމުން ދިޔައީ އެކަންތައްތައް ނުވާނެ ކަމަށެވެ. އެގޮތުން މިނިވަން ވޭޖާއި ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި. ފެނާރުދަމާ، ދަތުރުފަތުރުގެ ވާހަކަ ދެއްކުމުން އެކަންތައް ނުވާނެ ކަމަށް ބުނަމުން ދިޔަ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ކޮވިޑް ކޮންޓްރޯލް ނުކުރެވޭނޭ ކަމަށާއި، ޓުއަރިޒަމް ހަލާކުވާނެކަމަށް ބުނި ނަމަވެސް ކޮވިޑް ކޮންޓްރޯލްކޮށް ބޯޑަރު ހުޅުވާ ރިސޯޓް ހުޅުވާ މީހުން އައިސް އިގްތިސާދު ރަނގަޅުވެއްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ މުސާރައިގެކަންކަމާ ފެނާއި ނަރުދަމާ އަދި ދަތުރުފަތުރު ގެ ކަންކަންވެސް މިހާރު ނިމެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ކަން ކޮށް ދައްކައިފިން. ކުރިއަށް ރޭވިފައި ހުރި ކަންކަން ވެސް އެބަހުރި. ޓެސްޓު ތިބޭފުޅުންނަށް ކުރެވިފައި މިހާރު އޮންނާނީ މި ސަރުކާރުގެ. އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. ވޯޓު ދެއްވާށޭ." ރައީސް ވިދާޅުވި އެވެ.