ހަބަރު

ނާޒިމްގެ މައްސަލަ އދ.ގެ ވޯކިން ގުރޫޕަށް ހުށަހަޅައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނުހައްގުން 11 އަހަރަށް ޖަލަށްލާފައިވާ ކަމަށް ބުނެ، އެ މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅައިފި އެވެ. މީގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ވެސް ވޯކިން ގުރޫޕަށް ހުށަހަޅާފައިވެ އެވެ.

ނާޒިމްގެ މައްސަލަ އދގެ ވޯކިން ގުރޫޕަށް ހުށަހަޅާފައިވަނީ، އެމްނެސްޓީ އިންޓަނޭޝަނަލްއިންނެވެ. އެމްނެސްޓީގެ ސައުތު އޭޝިއާ ސްޕެޝަލިސްޓް އައްބާސް ފާއިޒު ވަނީ އެ މައްސަލަ އދގެ ވޯކިން ގުރޫޕަށް ހުށަހެޅިކަން ޓްވީޓަކުން އިއުލާންކޮށްފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލަށް ނާޒިމްގެ މައްސަލަ މިދިޔަ އަހަރު ހުށަހެޅީ ނާޒިމްގެ އާއިލާއިންނެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން އެ މައްސަލަ ދިރާސާކުރުމަށްފަހު، އދ.ގެ ވޯކިން ގުރޫޕަށް ހުށަހަޅާފައިވާއިރު ނާޒިމްގެ އާއިލާއިން ބުނެފައިވަނީ މައްސަލަ އދ.ގެ ވޯކިން ގުރޫޕަށް ހުށަހަޅަން ނިންމީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ނާޒިމަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލީ މައްސަލާ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލާގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ.

މީގެކުރިން ރައީސް ނަޝީދު ދޫކޮށްލުމަށް ވެސް އދ.ގެ ވޯކިން ގުރޫޕުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ، އދ.ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށެވެ. އަދި އެއީ ތަންފީޒުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.