އިލެކްޝަންސް ކޮމިޝަން

ފާރިސްއާއި އުމަރުގެ ކެންޑިޑެސީ ބަލައިގެންފި

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނާއި އުމަރު ނަސީރު އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އުމަރު ނަސީރުއާއި އަހްމަދު ފާރިސްގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގަނޫނުގައިވާ ގޮތުގެމަތިން އެ ދެ ބޭފުޅުން ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ކަމުގައި ބަލައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އުމަރާއި ފާރިސް ކެންޑެޑެސީ ފޯމް ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ.

އުމަރު ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހްމަދު ސަލީމު (މާޒް ސަލީމް) އެވެ.

ފާރިސް މައުމޫންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޑރ. އަބްދުއްސައްތާރު ޔޫސުފް އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށަހަޅަންޖެހެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.