ހަބަރު

ބޮމެއް ކަމަށް ބެލެވޭ އެތި ނަގައިގެން ގެންގޮސް ސަރަހައްދު ހުޅުވައިފި

ރިޔާސީ ގަނޑުވަރު މުލިއާގެ ކައިރިން ފެނުނު ބޮމެއް ކަމަށް ބެލެވޭ އެި ސިފައިން ނަގައިގެން ގެންގޮސް ބަންދުކޮށްފައި އޮތް ސަރަހައްދު ހުޅުވައިފި އެވެ. މުލިއާގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ސިފައިން ހަރަކާތްތެރިވާން ފެށީ މިއަދު ހެނދުނު އެވެ.

އެ ސަރަހައްދުގައި ހުރި އަވަސްގެ ނޫސްވެރިޔާ ބުނީ، ވެލިބަސްތާ ޖަހާފައި އޮތް ވެހިކަލަކަށް އެއްޗެއް އަރުވައިގެން ސިފައިން އެ ސަރަހައްދުން ނައްޓާލާފައިވާ ކަމަށެވެ. އަދި އެ ވެހިކަލްގެ ފަހަތުގައި ރޭންޖް ޖޭމް ކުރާ ވެހިކަލް ވެސް ދުއްވާފައި ދިޔަ ކަމަށް އޭނާ ބުންޏެވެ. ބެލެވޭ ގޮތުގައި އެ ވެހިކަލަށް އެރުވީ އެ ސަރަހައްދުން ފެނުނު ގޮވާޒާތުގެ އެއްޗެވެ. އަދި އެ ސަރަހައްދު ވެސް މިހާރު ވަނީ އެއްކޮށް ހުޅުވައިފަ އެވެ.

ސިފައިން އެ އޮޮޕަރޭޝަނާ ގުޅޭ ގޮތުން މާ ބޮޑު މައުލޫމާތެއް ހާމައެއް ނުކުރި އެވެ. ސިފައިން ހަމައެކަނި ބުނީ އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވަނީ ސަލާމަތީ ސަބަބުތަކަކަށް ޓަކައި ކަމަށެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ސިފައިންނާ އެކު ފުލުހުން ހަރަކާތްތެރިވަނީ ގޮވާޒާތުގެ އެއްޗެއް ފެނިގެން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ އެތި ފެނިފައި ވަނީ އެ ސަރަހައްދުގެ އޮތް ވެހިކަލެއްގެ ތެރޭގައި ބާއްވާފައި އޮއްވަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ވެސް މުލިޔާގެ ކައިރީ ޕާކް ކޮށްފައި އޮތް ވެހިކަލަކުން އައިއީޑީއެއް ވަނީ ފެނިފަ އެވެ. މާފަންފު ސްޓޭޑިއަމަށް ގެންގޮސް ސިފައިންގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިޕާޓެމެންޓުން އެ ބޮން ޑިފުއުސްކުރި އެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.