ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ވެސަލް ލޮކޭޓާ ހަރުކޮށްފައި ނުވާ އުޅަނދުތަކުގެ ލައިސަންސް ހިފަހައްޓަނީ

މަސްވެރިންތަކެއް މާލޭގެ ބަނދަރުގައި އިހްތިޖާޖުކުރަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މަސްވެރިކަމުގެ އުޅަނދުފަހަރުގައި ވެސަލް ލޮކޭޓާ ޑިވައިސް ހަރުނުކުރާނަމަ މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

މިނިންމުމަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ފަހުންނެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރު ވެސަލް މޮނިޓަރިން ސިސްޓަމް މެދުވެރިކޮށް ބެލުމުގެ މަސައްކަތް 2020 ވަނަ އަހަރުން ފެށިގެން އެމިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކެއްގައި މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ވެސަލް ލޮކޭޓިން ޑިވައިސް (ވީއެލްޑީ) ހަރުކުރުމަކީ ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޑިވައިސް އުޅަނދުތަކުގައި ހަރުކުރުމުގެ މަގުސަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިން ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުން ހަރުދަނާކުުރުންވެސް މިކަންކުރުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ޑިވައިސް ހަރުކޮށްފައި ނުވާތީ ލައިސަންސް ހިފަހައްޓަން ޖެހޭ އުޅަނދަކަށް އަލުން ހުއްދަ ދެވޭނީ ޑިވައިސް ހަރުކޮށް އުޅަނދުގެ ޓްރެކް މިނިސްޓްރީއަށް ލިބެން ފެށުމުން ކަމަށެވެ.

މިހާތަނަށް ވީއެލްޑީ ހަރުކޮށްފައި ނުވާ އުޅަނދުތަކުންނާއި ވީއެލްޑީ އެކްޓިވޭޓް ކޮށްފައި ނުވާ އުޅަނދުފަހަރުން އުރީދޫގެ ހޮޓްލައިންއަށް ނަމަ ގުޅަންޖެހެނީ 221 ނަންބަރަށެވެ. ދިރާގު ނަމަ ގުޅަންޖެހެނީ 9613221 ނަންބަރަށެވެ.

ވީއެލްޑީ ހަރުކޮށްފައި ނުވާ އުޅަނދުތަކުން ވީހާވެސް އަވަހަށް އެ މަސައްކަތް ކޮށް ނިންމުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ އުޅަނދުގެ ޓްރެކް މިހާރު ނުފެންނަ އުޅަނދުފަހަރު އުރީދޫގެ ހޮޓްލައިންއަށް ގުޅައި މައްސަލައަށް ހައްލު ހޯދުމަށްވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910