ހަބަރު

ރައީސް މާލީ ބަޔާން ހުށަހަޅުއްވާފައިވޭތޯ ސާފުކޮށްދޭން އެދެފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅާތޯ ޔަގީން ކުރުމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް އޮޑިޓާ ޖެނެރަލަށް ސިޓީއެއް ފޮނުއްވައިފި އެވެ. ސިޓީ ފޮނުވާފައިވަނީ މިއަދު އެވެ.

އޮޑިޓާ ޖެނަރަލް އޮފީހަށް ފޮނުވި ސިޓީއާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނުގައި ބުނެފައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެނަރަލް އޮފީހަށް ހުށަހަޅައިފައިވޭތޯ ބެލުމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އާޒިމް ފޮނުވި ސިޓީއަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ ބާބުގެ 120 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މުދަލާއި ފައިސާގެ ބަޔާނެއް ކޮންމެ އަހަރަކު ވެސް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައި ވާތީ އެކަމުގެ ތަފްސީލް ހޯދުމަށް އޮޑިޓާ ޖެނެރަލް އަށް ފޮނުވި ސިޓީއެކެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ އެމްއެމްޕީއާރުސީގެ އޮޑިޓް ނިންމައި ރިޕޯޓް ނެރެފައިވާ އިރު، 1.22 ބިލިއަން ރުފިޔާގެ ހިޔާނާތްވެފައިވާކަން ވަނީ ހާމަވެފަ އެވެ. އޭސީސީ އިން ވެސް ބުނެފައި ވަނީ މިއީ އެ ކޮމިޝަނުން ކުރިއަށް ގެންދާ ހިޔާނާތާ ގުޅޭ އެންމެ ބޮޑު ތަހުގީގު ކަމަށެވެ. އޭސީސީ އިން މީގެ ކުރިން ބުނެފައި ވަނީ އެ ތަހުގީގު 80 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެމްއައިބީ ބޭންކް އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިފާއުކޮށް، ކޮރަޕްޝަންގެ އަޑީގައި ހުންނެވީ ރައީސް ޔާމީން ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެއްވެސް އަތެއް ނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފަ އެވެ.