ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުން އުފުލާ ބުރައަކަށް ދަރަނި ވިޔަ ނުދޭނަން: މުއިއްޒު

ރައްޔިތުން އުފުލާ ބުރައަކަށް ދަރަނި ވިޔަ ނުދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމު އަނދަވަޅަށް ވައްޓާލާފައިވާ ކަމަށާއި ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ދަރަނި ދެއްކުމަށް ދެކޮޅު ޖެހޭ ޕްލޭންތަކެއް ހަދާނެ ކަމަށް މުއިައްޒު ވިދާޅުވި އެވެ.

"ކުރު ރާސްތާ އަދި މެދު ރާސްތާގެ ރީސްޓްރަކްޗަރިންގެ ޕްލޭންތައް ހަދައި އެ ލޯނުތައް ފަސޭހަކަމާއެކު ދެއްކޭނެ ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމަށް ގާނޫނެއް އެކުލަވާލާނެ ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް ޒިންމާދާރުކަމާއެކު ބެލެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށެވެ.