ހަބަރު

މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން އިސްކަމެއް ނުދެން: ކޮމިޝަނަރު

ޖިނާއީ އެކި އެކި މައްސަލަތަކާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގުތަކަށް މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ފުރިހަމަ ކުރަމުން ގެންދިއުމަކީ ފުލުހުންގެ މުއައްސަސާގެ އަމާޒެއް ނޫންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުން ބައިތިއްބާ ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ބިނާކުރި ފެން އުފައްދާ ޕްލާންޓް ހުޅުއްވައިދެއްވައި ފެން އުފެއްދުން އިފްތިތާހު ކޮށްދެއްވުމަށް މިއަދު ދޫނިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންސީޕީ އަރީފް ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ރައްކާތެރިކަމާއި އެމީހުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްގުތައް ކަށަވަރުކޮށްދީ ފުރިހަމަ ކުރުމަށް ފުލުހުންގެ މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އަދި ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ކޮމިޝަނާ އޮފް ޕޮލިސް ފާހަގަ ކުރެއްވި އެވެ.

ބަންދުގައި ތިބޭ މީހުންނަށް ރަނގަޅު ކާނާ ދިނުމާއި ބޭސްފަރުވާގެ އިންތިޒާމު ހަމަޖެއްސުމާއި ބޯފެނާއި ފާހާނާ ކުރުންފަދަ ކަންކަން ހަރުދަނާ ކަންމަތީ ދެމެހެއްޓުމުގައި އެފަދަ ކަންކަން ބަލައި ފާރަވެރިވާ އެކިއެކި ފަރާތްތަކުގެ އިރުޝާދު ބަލައިގަންނަކަން ވެސް ސީޕީ އަރީފް ފާހަގަ ކުރެއްވި އެވެ.

އަރީފް ވިދާޅުވީ ދޫނިދޫ ޑިޓެންޝަން ސެންޓަރު ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އިންޖީނުގެ އާއި އެހެނިހެންވެސް ވަސީލަތް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ބަންދުގައި ތިބޭ މީހުން ތިބޭ ބްލޮކްތައް މަރާމާތުކޮށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވިގެންދާނެ ކަން ސީޕީ ފާހަގަ ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ އަރީފް ވިދާޅުވީ ފުލުހުންނަކީ ކުރާ މަސައްކަތުގެ ގޮތުން އެއްބައެއްގެ ތައުރީފް ލިބޭއިރު އަނެއް ބައެއްގެ ނަފްރަތުވެސް ލިބިގެންދާނެ ބައެއް ކަމަށެވެ. އެހެންނަމަވެސް ފުލުހުން ރައްޔިތުންގެ ހިދުމަތުގައި ދެމި ތިބޭނީ ފޫހިކަމެއް ވަރުބަލި ކަމެއްނެތި ސާބިތުކަން މަތީގައި ކަމަަށް ވެސް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދޫނިދޫގައި ބިނާކުރި ފެން ޕްލާންޓް ބޭނުންކުރަން ފެށުމުން އެރަށުގައި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް މިހާތަނަށް ކުރަމުންދިޔަ ބުރަ މަސައްކަތަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކުރަމުންދިޔަ ހަރަދަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި ސާވިސަސް ސަޕޯޓް ޑައިރެކްޓްރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ މިހާތަނަށް ދޫނިދޫއަށް ސާފު ފެން ގެންނަނީ މާލެއިން ގަނެގެން ދޯނީގައި ކަމުން އެކަމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ. މިކަމަށް ދާއީމީ ހައްލެއް ގެނައުމަށް މީގެ ދެ އަހަރު ކުރިން ފެށިގެން މި މަސައްކަތް ކުރަމުން ގެންދާ ކަމުގައިވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ދޫނިދޫގައި ބިނާކުރި މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 350 ޓަނުގެ ފެން އުފެއްދޭނެ އެވެ. މި ޕްލާންޓު ބިނާކޮށްފައިވަނީ ޓެންޑަރ އުސޫލުން ބިޑް ކޮށްގެންނެވެ.