ރާއްޖެ ކުޅިވަރު

ލަޔަންސް މެޗުގައި ދަގަނޑޭ ލަނޑުޖަހާނެ ކަމަށް އުންމީދުކުރަން: ޕީޑީއާރްއެމް

ޕީޕަލްސް ކަޕްގައި މާދަމާ ރޭ ސިންގަޕޫރުގެ ލަޔަންސްއާ ދެކޮޅަށް މެލޭޝިއާގެ ޕީޑީއާރްއެމް ނުކުންނައިރު، މި މެޗުގައި ޕީޑީއާރްއެމް އަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ލަނޑު ޖަހާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ޓީމުން ބުނެފި އެވެ.

މި މުބާރާތުގައި މިހާތަނަށް ޕީޑީއާރްއެމް ކުޅުނު ދެ މެޗުގައި ދަގަނޑޭގެ ފަރާތުން ލަނޑެއް ނުފެނެ އެވެ. މުބާރާުތުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 1-0 އިން ޕީޑީއާރްއެމް މޮޅުވިއިރު، ދެވަނަ މެޗުގައި މާޒިޔާ އަތުން 2-2 އިން އެ ޓީމު ވަނީ އެއްވަރުވެފަ އެވެ.

"މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް މި ކުޅުނީ ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް. ރާއްޖޭގެ ޑިފެންޑަރުންނަށް އަޝްފާގްގެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ. އެހެންވީމަ އަޝްފާގަށް ތަންކޮޅެއް އުނދަގޫވި މެޗުގައި ކުޅެން. އަނެއްކާ ލަނޑު ޖަހަން އަޝްފާގް މާބޮޑަށް ބޭނުންވެފައި ހުރީ. އެހެންވީމަ އޭނަ އަށް ޕްރެޝަރު ވެސް ކުރިމަތިިވ،" މެޗުގެ ކުރިން މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައުޒީ ބުންޏެވެ.

"އަހަރެމެން މި އުންމީދުކުރަނީ މާދަމާ ރޭގެ މެޗުގައި އަޝްފާގްގެ އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށް. އަދި އޭނާގެ ފަރާތުން ލަނޑެއް ފެންނާނެ ކަމަށް. ދަގަނޑޭގެ ޖާދޫ ފެންނާނެ ކަމަށް އުންމީދުކުރަން."

ފައުޒީ ބުނީ މެލޭޝިއާ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ލަޔަންސްއާ ދެކޮޅަށް ނުކުންނައިރު، މާދަމާ ރޭގެ މެޗަކީ އެ މެޗަށް ތައްޔާރުވާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަަމަށެވެ.

"އަހަރެމެންނަށް މައްސަލައެއް ނެތް ލަޔަންސް އިން ކޮންމެ ގޮތަކަށް ކުޅުނަސް. އަހަރެމެން މި ތިބީ މެޗަށް ތައްޔާރުވެފައި،" ފައުޒީ ބުންޏެވެ.