ކުޅިވަރު

ބުރު ސްޕޯޓްސްގެ ފަރާތުން ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގދ. ގައްދޫ ފުޓްސަލް ޓީމަށް ބުރު ސްޕޯޓްސް އިން ޖާޒީ ހަވާލުކޮށްފި އެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބުރު ސްޕޯޓްސް އިން ބުނީ ގައްދޫ ޓީމަށް އެހީތެރިވީ އެފަދަ ޓީމުތަކަށް ކުރިއަށްދާން ފުރުސަތު ހޯދައިދިނުމަކީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުން ދައްކަންޖެހޭ ނަމޫނާއެއް ކަމަށް ދެކިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ޓީމުތަކަށްވެސް އެހީތެރިވުމަށް މަސައްކަތް ކުރާނެ ކަމަށް ބުރު ސްޕޯޓްސް އިން ބުނެފައިވެ އެވެ.

ގައްދޫ ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު ގައްދޫ ފުޓްސަލް ޓީމުގެ މެނޭޖަރު އަލީ މުއައްވިޒު ވިދާޅުވީ ބުރު ސްޕޯޓްސް އިން އެ ޓީމަށް ދީފައިވަނީ ވަރަށް ރަނގަޅު އެހީއެއް ކަމަށެވެ. އެހެންކަމުން އެ ކުލަބަށާއި ގައްދޫ ޓީމަށް އެހީތެރިވާ އެހެން ސްޕޮންސަރުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގެ ތެރެއިން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ބުނީ ފުޓްބޯޅަ ކުޅުމުގައި އަބަދު ދެމިނުހުރެވޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގައްދޫ ޓީމު ފަދަ ޓީމުތަކަށް އެހީތެރިވެގެން ޓީމުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށެެވެ.

ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އަލީ އަޝްފާގްގެ އިތުރުން ސަސް ކްލަބްގެ ނައިބް ރައީސް އަހްމަދު އަފްރާފު (އަފީ), ބުރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ހަސަން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު މޫމިން ރަޝީދު އަދި ގައްދޫއަށް ނިސްބަތްވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އާމިރު އާއި ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ޒާހިރުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގައްދޫ ފުޓްސަލް ޓީމު ވާދަކުރާ މިއީ ފަސްވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މު މުބާރާތުގެ އަތޮޅު ފައިނަލްގައިވެސް ގައްދޫ ޓީމު ބައިވެރިވެފައިވެ އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރަކީ އަލް ޝާލީ މެރިން މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ޒީރޯރާ އޮޓޯ ސާވިސް އާއި ކައުރީ ބްރޭންޑް ހަމަޖައްސާފައިވެ އެވެ.