ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަން އެސޯސިއޭޝަނަށް އޭސީސީގެ ތަހުގީގު ޓީމު ވަދެއްޖެ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓިމެއް ބީއޭއެމްގެ އޮފީހަށް ވަދެއްޖެ އެވެ.

އޭސީސީ އިން ވަނީ ބީއޭއެމް އަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކޮރަޕްޝަނާ ގުޅުންހުރި ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް ކޮމިޝަނުގެ ތަހުގީގު ޓީމެއް މިވަގުތު އެ އެސޯސިއޭޝަނުގައި ހަރަކާތްތެރިވާ ކަން ޔަގީންކޮށްދީފަ އެވެ. އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ބީއޭއެމްގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެތަނުގެ ވެރިންގެ އަމިއްލަ އިމާރާތްތަކުން ތަންތަން ކުއްޔަށް ދީގެން ބީއޭއެމްގެ މުވައްޒަފުން ބޭތިއްބުމާއި އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ "އަސްކަނި ސްޕޯޓްސް" ފިހާރަ އިން ބީއޭއެމް އަށް ބެޑްމިންޓަން ބޯޅަ (ޝަޓްލް) ގަންނަ މައްސަލަ އެވެ.

މީގެއިތުރުން އެސޯސިއޭޝަންގެ ބަޖެޓް ނެތް ކަމަށް ބުނެ ކުރަންނުޖެހޭ ހަރަދުކުރުމާއި، އެސޯސިއޭޝަނަށް ސްޕޮންސަރުންގެ އަތުން ލިބޭ އެހީއާއި އާމްދަނީ އާއި ހަރަދު ތަފްސީލް ރަނގަޅަށް ބަލަހައްޓާފައި ނުވާ މައްސަލަތަކެއްވެސް ހިމެނެ އެވެ.

އަސްކަނި ސްޕޯޓްސް އިން ބީއޭއެމް އަށް ބޯޅަ ގަންނަ މައްސަލަ މީގެކުރިންވެސް އޭސީސީއަށް ހުށަހެޅި އެވެ. އޭރު އެ ކޮމިޝަނުން ނިންމާފައިވަނީ އެކަމުގައި ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށެވެ.

ބީއޭއެމްއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން މިދަނީ ސްޕޯޓްސް ކޮމިޝަނަރުގެ އެންގެވުމަށް އެ އެސޯސިއޭޝަނުން އަމަލުނުކޮށް ބައެއް ކަންކަން ކުރަމުންދާ ވަގުުތެއް ގައެވެ.