ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ނަބާ އާއި ނަބީގެ ޕެއާއަށް ރަން މެޑެލް

ޒެމްބިއާ އިންޓަނޭޝަނަލް 2024 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރިވައިވަލް ސްޕޯޓްސް ކުލަބުގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާއަށް ރަން މެޑަލް ހާސިލުކޮށްފި އެވެ.

މި ކާމިޔާބީ ހޯދީ ސްރީލަންކާގެ ހަސީނީ އާއި ހަސާރާގެ ޕެއާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައެވެ. މެޗު ނިމުނީ 21-16 އަދި 21-19 އިން ދިވެހި ކުޅުންތެރިންގެ ކާމިޔާބީއާ އެކުގަ އެވެ.

މިއީ ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ފެންވަރުގެ މުބާރާތަކުން ނަބާ އާއި ނަބީގެ ޕެއާ ރަން މެޑެލް ހޯދި ދެވަނަ ފަހަރެވެ.

މީގެކުރިން 2019 ވަނަ އަހަރުވެސް މިފަދަ ކާމިޔާބީއެއް ހޯދާފައިވެ އެވެ. އަދި މިދިޔަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑެލް ހޯދާފައިވެ އެވެ.

މި މުބާރާތުގައި ރާއްޖެއަށް ޖުމްލަ ތިން މެޑެލް ލިބުނެވެ. އެގޮތުން މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާއިން ލޯ މެޑެލެއް ހޯދިއެވެ. އަދި އަންހެން ސިންގަލްސް ބައިން ނަބާވެސް ލޯ މެޑެލެއް ހާސިލުކުރި އެވެ.

މިކްސް ޑަބަލްސްގެ ސެމީ ފައިނަލްގައި ޒަޔާން އާއި ނަބާގެ ޕެއާ ވާދަކުރި މެޗުގައި، އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާގެ ޕެއާއަށް 21-19 އަދި 21-16 އިން ބަލިވި އެވެ. އަދި އަންހެން ސިންގަލްސްގެ ސެމީ ފައިނަލްގައި ނަބާ، އަޒަރުބައިޖާންގެ އީރާއާ ދެކޮޅަށް ކުޅުނު މެޗުން 21-18، 14-21 އަދި 10-21 އިން ބަލިވި އެވެ.