ހައިކޯޓް

ބެޑްމިންޓަން މޫސައަކީ "ކޮރަޕްޓް" މީހެއްތަ؟

May 22, 2024

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަކާ ގުޅިގެން، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. މިއީ އެންމެންނަށްވެސް މީގެ ދުވަސްކޮޅެއް ކުރިން ހަބަރުތަކުން އެނގިފައިވާ މައުލޫމާތެކެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ހިނގައިދިޔަ މި ކަންތައްތަކުގެ މާބޮޑު ތަފްސީލެއް އޭރު އާއްމުވެފައި ނެތް ނަމަވެސް އެކަން ހައިކޯޓުގެ ޝަރީއަތަށް ތިލަވެ، މިއަދު އެ މައްސަލައާ ގުޅުން ހުރި ގިނަ ތަފްސީލްތަކެއް މިވަނީ އާއްމުވެފަ އެވެ.

އޭސީސީން މޫސަ ހިފަހައްޓައި އަދި މޫސައާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރީ ކްރިމިނަލް ކޯޓުން ދިން އަމުރުތަކެއް ބޭނުންކޮށްގެންނެވެ. އެ އަމުރުތަކާ ގުޅޭ މައްސަލަތަކެއް މޫސަގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން މައްސަލައިގެ ތަފްސީލްތައް އާއްމުވީ، ހައިކޯޓުގައި މިއަދު ފެށި އިސްތިއުނާފު ޝަރީއަތުންނެވެ.

ހައިކޯޓުގެ ޝަރީއަތުން މިއަދު އެނގުނު ގޮތުގައި މޫސައާ ގުޅުން ހުރި އަދި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން ތިން އަމުރެއް ކްރިމިނަލް ކޯޓުން ނެރުނެވެ. އެއީ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރަކާއި މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރެކެވެ.

ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރުގެ ދަށުން އޭސީސީން ފާސްކޮށްފައިވަނީ މއ. ވިލުވެލި ގްރައުންޑް ފްލޯއާއި އެ އިމާރާތުގެ އެއްވަނަ ފަންގިފިލާ އަދި އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓެކެވެ.

މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ ހިފަހައްޓައި ބެލުމުގެ އަމުރެކެވެ.

އޭސީސީން ތުހުމަތު ކުރި ގޮތުގައި މޫސަވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފަ އެވެ. މޫސަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި އަދި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުތަކެއް ކޮށްފައި ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.

މި މައްސަލަ ފެންމަތިވި ދުވަސްވަރު އޭސީސީން ބުނީ މޫސައާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އޭރު އޭސީސީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަމުގެ ތަފްސީލެއް އާންމުކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް މިއަދު ފެށި، މިއަދު ވަނީ އަޑު އެހުންތައް ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާލަމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުން ކަމަށް އިއުލާންކޮށްފަ އެވެ. މި މައްސަލައިގެ އަޑު އެހުމަށް މޫސަ މިއަދު ކޯޓަށް ވަޑައިގެންވެސް އިންނެވި އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު އެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ދީބާނާޒް ފަހުމީ އަދި މުހައްމަދު ޝަނީޒް އެވެ.