ދުނިޔެ

ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވަން ނޭޓޯގެ ދައުލަތްތަކަށް އެމެރިކާ ގޮވާލައިފި

ޔުކްރޭންގެ ޕައިލެޓުން ތަމްރީންކުރެވުނުހާ އަވަހަށް -- ނެދަލަންޑާއި ޑެންމާކުން، ޔުކްރޭނަށް އެފް16ގެ ފައިޓަރު ޖެޓްތައް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

އެމެރިކާ ސަރުކާރުން ޑެންމާކަށާއި ނެދަލަންޑަށް ފޮނުވާފައި އޮތް ލިޔުމަކާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުން، ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމުގައި އެމެރިކާގެ ފުރިހަމަ ސަޕޯޓް އޮންނާނެ އެވެ.

ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމުގައި އެމެރިކާއާ ގުޅުން ހުރި ހުރިހާ ކަމެއް -- ޖެޓްތަކަށް ބޭނުންވާ ހާޑްވެއާ އާއި މުވާސަލީތީ ސޮފްޓްވެއާތަކަށް ބޭނުންވާ ލައިސަންސްގެ ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ބްލިންކެން ވިދާޅުވި ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ.

ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުން ލަސްވެގެން އެ ގައުމުން ވަނީ އެތައް ފަހަރަކު ޝަކުވާކޮށްފަ އެވެ. މި ކަމުގައި އެމެރިކާ އެކި ފަހަރު ވާހަކަދައްކާފައި ވަނީ ވެސް އެކި ގޮތަށެވެ.

އެމެރިކާގެ ޖެނެރަލުން، ޕެންޓަގަނާ ހަވާލާދީ ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ސްޓޭޓް ޑިޕާޓްމަންޓުން ފައިޓަރު ޖެޓްތައް ފޮނުވަން ގޮވާލިއެއް ކަމަކު -- ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުން އަވަހެއް ނުވާނެ އެވެ.

ސަބަބެއް ކަމަށް ވަނީ އެމެރިކާގެ ސީދާ ޝާމިލުވުމެއް ނެތުމެވެ.

އެފް16ގެ ފައިޓަރު ޖެޓްތައް އުފައްދަނީ އެމެރިކާގެ އެވެ. ނަމަވެސް، ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވަން އަންބާކިޔަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. މައިގަނޑު ގޮތެއްގައި މިކަމުގައި އެންމެ އިސްކޮށް އުޅެނީ ޑެންމާކާއި ނެދަލަންޑް، ބެލްޖިއަމް، ކެނެޑާ، ލަކްޒަމްބާގް، ނޯވޭ، ޕޮލޭންޑް، ޕޯޗުގަލް. ރޮމޭނިއާ، އިނގިރޭސިވިލާތް އަދި ސްވިޑަން އެވެ.

ނަމަވެސް، މިއިން އެއްވެސް ގައުމަކުން އެ މީހުންގެ އަތުގައި ހުރި ފައިޓަރު ޖެޓްތައް ޔުކްރޭނަށް ފޮނުވަން އަދި އެއްބަހެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމުގައި އެމެރިކާ ސީދާ ގޮތުގައި އިސްނުނަގާނެ އެވެ.

މިކަމާ ބެހޭ ގޮތުން ވައިޓް ހައުސްގެ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވާން ވިދާަޅުވީ ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމުގައި އިސްކޮށް އުޅޭނީ ޔޫރަޕްގެ ގައުމުތައް ކަމަށެވެ.