ގާސިމް އިބްރާހިމް

ގާސިމުގެ ވައުދު: ފުށިދިއްގަރުފަޅުގައި ތިމާވެށްޓާ ރައްޓެހި ސިޓީއެއް ހެދުން

މާލެއާ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތިމާވެއްޓާ ރަށްޓެހި ސިޓީ -- އެކޯސިޓީއެއް ތަރައްގީކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ފުށިދިއްގަރުފަޅު ތަރައްގީކުރަން ގާސިމުގެ ތަސައްވުރުގައި އޮތީ ޒަމާނީ ވަސީލަތްތަކާއި ޓެކޮނޮލޮޖީ ބޭނުންކޮށްގެން އަދި ސޯލާ ފަދަ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ ގޮތަށެވެ.

އެކޯސިޓީއަކީ ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަށަވަރު ބޯހިޔާވަހިކަމާއި, ސްމާޓް ރާއްޖެ އާއި ދެމެހެއްޓެނިވި ތިމާވެއްޓާއި، އިގުތިސޯދު ސިޔާސަތުގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ.

މާލެއާއި ނުވަ ކިލޯމީޓަރު ދުރުގައި އޮންނަ 1،400 ހެކްޓަރުގެ މި ފަޅު ތަރައްގީކުރަން ނިންމާފައިވަނީ ކަނޑުގެ ލޮޅުގަނޑު އުފުލެމުންދާތީ އެންމެ ދިޔަވަރު ބޮޑުވާއިރު ދިޔަވަރު ހުންނަ ވަރަށް ވުރެ މަދުވެގެން ދެ މީޓަރު އުސްކޮށް، އަދި ވަށައިގެން ހެދޭ ބޭރުތޮށްޓާ އެކު އެވެ.

މެނިފެސްޓޯގައި ހިމަނާފައިވަނީ ގާސިމުގެ ވެރިކަމެއްގައި ފުށިދިއްގަރުފަޅުގައި ފަސް އަހަރުގެ ތެރޭގައި އެކި ފެންވަރުގެ 10،000 ރެޒިޑެންޝަލް ޔުނިޓް ބިނާކުރުމަށާއި ކުރިމަގުގައި 30،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށެވެ.

ޖޭޕީން ބުނީ ފުށިދިއްގަރުފަޅުގައި ހަދާނީ މާލެ ސަރަހައްދުގައި މިހާރު އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ވުރެ ތަނަވަސް ހައުސިން ޔުނިޓްތަކެއް ކަމަށެވެ.

ފުށިދިއްގަރުފަޅު ތަރައްގީކުރާނީ ޕާކުތަކާއި، އެންޓަޓެއިންމަންޓް އަދި ބިޒްނަސް ސެންޓަރުތަކާއި ޝޮޕިން މޯލްތަކާއި ކޮންވެންޝަން ސެންޓަރުތަކާއި ސްޕޯޓްސް އެރީނާތަކުގެ އިތުރުން ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކާއި ގްރީން އޭރިއާތައް ހިމެނޭ ގޮތަށް ކަމަށްވެސް ޖޭޕީން ބުނެ އެވެ.