ޖުމްހޫރީ ޕާޓީ

ޖޭޕީގެ ވެރިކަމުގެ ފުރަތަމަ ދައުރު 30،000 ހައުސިން ޔުނިޓް

އަސާސީ ބޯހިޔާވަހި ކަމަށް އަމާޒުކޮށްގެން 30،000 ހައުސިން ޔުނިޓް އެޅުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ -- މ. ކުނޫޒުގައި މެނިފެސްޓޯ އެކުލަވާލި ކޮމިޓީ ޓީމުން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކެޔޮދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސާ ނިޒާރު ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އަސާސީ ބޯހިޔާވަހިކަމަށް އެކަނި 30،000 ހައުސިން ޔުނިޓު އަޅާނެ ކަމަށާއި، އޭގެ ދެ ބައިކުޅަ އެއްބަޔަކީ މާލެ ސަރަހައްދަށް ހާއްސަކުރާ ޔުނިޓުތައް ކަމަށެެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޖޭޕީގެ ސަރުކާރެއްގައި މި މަޝްރޫއުތަކަށް ހަރަދުކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް ބޯހިޔާވަހި ކަމަށް ފައިސާ ހިމަނާނެ ކަމަށެވެ. މައްސަލައިގެ ސީރިއަސް ކަމުން ގާސިމް ބޭނުންވަނީ އަވަސް ވަރުގަދަ ހައްލެއް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެންމެ ދިގުވެގެންވެސް 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވައުދުވާ ގިނަ އަދަދުތައް ފުރިހަމަކޮށްފައި ރައްޔިތުންނަށް ފޯރުކޮށްދިނުން،" މޫސާ ނިޒާރު ވިދާޅުވި އެވެ.

ޖޭޕީގެ މެނިފެސްޓޯ އެކުލަވާލި ކޮމިޓީގައި ހިމެނޭ ހިންނާ ޚާލިދު ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ހިންގި ހައުސިން ސްކީމްތަކުގައި އެންމެ ހައްގުވެރި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިފައި ނެތުމަކީ ޖޭޕީގެ ލީޑަރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ގާސިމްގެ ވެރިކަމެއްގައި މިމައްސަލައަށް ހައްލު ގެންނާނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފަރުމާކުރާ 'ގެދޮރު ޔަގީން ޕޯޓަލް' މެދުވެރިކޮށް،" ހިންނާ ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ އަމީން އިބްރާހީމް ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާރު ދޫކުރަން ތައްޔާރުވަމުންދާ ގޯތިތައް އަތުނުލާނެ ކަމަށެވެ.

ޖޭޕީގެ ޕްލޭންގައި އޮތީ އަސާސީ ބޯހިޔާވަހި ކަމަށް އަމާޒުކޮށްގެން 30،000 ހައުސިން ޔުނިޓް އަޅާއިރު މީގެތެރެއިން 15،000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އެޅުމަށެވެ. އަލަށް ކައިވެނި ކޮށްގެން ދިރިއުޅުން ފަށާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 18،000 ގޯތި ދޫކުރުމަށްވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަކުގެ ކުލީގެ އިތުރުން ފުލުހުން އަދި ސިފައިންގެ ފްލެޓް ތަކުގެ ކުލި މައާފްކޮށްދީ ސިފްކޯ އަދި ޕޮލްކޯ ފްލެޓުތައް ރިޔާސީ ފުރަތަމަ ދައުރު ތެރޭގައި ނިންމަންވެސް ހިމަނާފައިވެ އެވެ. އަދި ފުލުހުންނާއި ސިފައިންނަށް އިތުރު 1،000 ހައުސިން ޔުނިޓް ތިން އަހަރުގެ ތެރޭގައި އެޅުމަށާއި އަގު ކޮންޓްރޯލްކޮށްފައިވާ 6،000 ހައުސިން ޔުނިޓު "އުޖާލާ ގެދޮރު"ގެ ގޮތުގައި ވިއްކުމަށްވެސް ހިމަނާފައިބެ އެވެ. ވިޔަފާރި އުސޫލުން 6،000 ހައުސިން ޔުނިޓް "ނަލަ ގެދޮރު"ގެ ގޮތުގައި ވިއްކުމަށްވެސް ކަނޑައަޅާފައިވެ އެވެ.