ޑރ. މުހައްމަދު މުއިއްޒު

އާބަންކޯގެ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ: މުއިއްޒު

ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އާބަންކޯގެ ބަޖެޓް އަދި ވަސީލަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރި ނަމަވެސް އާބަންކޯގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ތަނެއް ކަމަށްވާތީ ހުޅުމާލެ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށް، އާބަންކޯގެ ބަޖެޓް އަދި ވަސީލަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި މައިގަނޑު ހިދުމަތްތައް ދެނީ އާބަންކޯ އިން ކަމަށްވީ ނަމަވެސް އޭނާގެ ވެރިކަމެއްގައި ހުޅުމާލޭގައި ހިދުމަތް ދޭނީ އަދި ހުޅުމާލެއާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން. އަދި މިބަދަލާ އެކު މިހާރު އާބަންކޯގެ ވަޒީފާގައި ތިއްބެވި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ. މުވައްޒަފުންނަށް ސިޓީ ކައުންސިލަށް ބަދަލުވުމުގެ ފުރިހަމަ އިހްތިޔާރު އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ވެސް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި، އެ ސްކޫލްގެ ބެލެނިވެރިންނަށް ސަރުކާރުން ވަނީ "ދޯކާ ދިފައި" ކަމަށެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އަރަބިއްޔާ ސްކޫލު އެޅުމަށް ކަމަށް ބުނެ އެ ސްކޫލަށް ދީފައިވާ ބިމަކީ ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރުކުރަން އެ ސްކޫލަށް ދީފައިވާ ބިމެއް ކަމަށެވެ. އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް މާލެ ސަރަހައްދުގައި މިހާރުވެސް މާރަނގަޅު ބިންތައް އެބަހުރި ކަމަަށްވެސް ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ށ. އަތޮޮޅަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް މުއިއްޒު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ކަނޑތީމުގެ ބަނދަރު ބޮޑުކޮށްދީ، ކުނި މެނޭޖުކުރުމުގެ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ކަނޑިތީމަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދީ، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދީ ރަށުގެ ބޮޑެތި މަގުތައް ތަރައްގީކޮށް ބޭންކްގެ ބްރާންޗެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ކަނޑިތީމުގައި އަލަށް އާބާދުވި ސަރަހައްދަށް ފެނާ ނަރުދަމާގެ ހިދުމަތް މިހާރަށް ވުރެ ފެންވަރު ރަނގަޅަށް ކޮށްދެއްވުމަށާއި، ޒުވާނުންނަށް ހާއްސަ ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދީ ތައުލީމީ ނިޒާމުގެ ފެންވަރު ރަނގަޅު ކޮށްދިނުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ށ. ބިލެތްފަހީގެ ފަޅު ތެރޭގައި އެއާޕޯޓެއް އަޅައިދީ، މުނާފަރުގެ ބިން ހިއްކާ އެތާ ރިސޯޓެއް ހަދައިދީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށެވެ.