ޑރ. މުހައްމަދު މުއިއްޒު

މަސައްކަތްތައް ލަސްވަނީ ވެރިންނަށް ބައިއަޅާތީ: މުއިއްޒު

މަސައްކަތްތައް ފަށާފައި ކުރިއަށް ނުދާ ސަބަބަކީ މަސައްކަތަށް ހަމަ ޖައްސާފައި ހުންނަ ފައިސާއިން އެއްބައި ސަރުކާރުގެ ވެރިންނަށް ބައި އަޅާތީ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. މާނއުގޫދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މަސައްކަތްތައް ފެށުމަށް ފަހުގައި އެ މަސައްކަތްތައްް ނުނިމޭ ސަބަބަކީ މަޝްރޫއުތަކަށް ހަމަޖައްސާފައި ހުންނަ ފައިސާގެ ބައެއް ސަރުކާރުގެ އިސްވެރިން ނަންގަވާތި ކަމަށާއި އެއީ އޭނާގެ ސަރުކާރެއްގައި ގެންގުޅުއްވާނެ އުސޫލެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސަމާލުކަން ދޭނީ މަޝްރޫއުތައް އަވަހަށް ނިންމުމަށް ކަމަށާއި، އެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށް އިސްކައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ސަމާލުކަން ދެއްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް، އަވަހަށް މަޝްރޫއުތައް ނިންމުމަށް. އަދި އެ މަޝްރޫއުތައް ހިނގާނީ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލާ އެއްގޮތަށް" މުއިއްޒު ވިދާޅުވި އެވެ.

މާއުނގޫދޫގެ ތަރައްގީއަށް ކޮށްދެއްވާނެ ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދީ ރަށުގެ މައި މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދީ ޒުވާނުންގެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރަށް ބޭނުންވާ ވަސީލަތްތައް މާއުނގޫދޫގައި ގާއިމުކޮށްދެއްވާނެ ކަމަށާއި އެރަށު ސްކޫލްގައި މަލްޓި ޕާޕަސް ހޯލަކާ އެކު އިތުރު އަށް ކުލާސް ރޫމްވެސް ގާއިމް ކޮށްދެއްވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. މާއުނގޫދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަަލައަކީ ރަށް ގިރުމުގެ މައްސަލަ ކަމަށާއި، އެކަން ބަޖެޓްގައި ހިމަނައިގެން ހާއްސަ ސަމާލު ކަމެއް ދީގެން ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހަމަ އެހެންމެ ވަކި ރަށެއް ތަފާތު ނުކޮށް، އެރަށެއްގެ އަބާދީއާއި އެއްވަރަށް ތަރައްގީ ގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ކެމްޕޭން މަސައްކަތުގައިބ ކުރިއަށް ވުރެ ގިނަ ސަޕޯޓަރުންގެ ތާއީދާއި ލޯބި ލިބިފައިވާ ކަމަށާއި، ކެމްޕޭން ކުރުމުގައި ވެސް ރައްޔިތުން ވަނީ އެމީހުންގެ މަސައްކަތް ދެގުނަ ކުރިއަށް ޖައްސާފައި ކަމުގައި ވިދާޅުވި އެވެ.