ޕީޕީއެމް

ށ. އަތޮޅު ކައުންސިލްގެ ރައީސް ޝިޔާންޓޭ ޕީޕީއެމްއާ ގުޅިވަޑައިގެންފި

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމު (ޝިޔާންޓޭ) އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ޝިޔާމު ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ށ. ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާ ގައެވެ.

ޝިޔާމުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ޑރ. މުއިއްޒު އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ޝިޔާމު އިންތިހާބުވީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ޓިކެޓް ގައެވެ.

މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޝިޔާމު މިދިޔަ ދުވަސްތަކުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދުއާ އެކު އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައިވެސް ޝިޔާމު އަމަލީ ގޮތުން ކުރިން އުޅުއްވި އެވެ.

މުހައްމަދު ޝިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި މުވައްޒަފެކެވެ.