ޑރ. މުހައްމަދު މުއިއްޒު

ވެރިކަން ލިބުމުން އަބަދުވެސް ރައްޔިތުންނާ ބައްދަލުކުރާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށާއި އަދި ވަކި އުސޫލެއްގެ ތެރެއިން ދާއިމީކޮށް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ށ. ނޫމަރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

މުއިއްޒި ވަނީ މިހާރު ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމަށާއި، ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

މުއިއްޒު ވިދާޅުވީ މިހާރު ފަށާފައިވާ ހުރި މަޝްރޫއުތައް ހުއްޓުވުމުގެ ބަދަލުގައި އޭނާ ވާނީ އެ މަޝްރޫއުތައް އަވަހަށް ގެންގޮސް ނިންމާލާނެ ބޭފުޅަކަށް ކަމަށެވެ. މަޝްރޫއުތައް ކުރިއަށް ގެންދާއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަކަށް މަޝްރޫއެއް ކުރިއަށްދާނަމަ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ބަދަލުކޮށްދޭނަން" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ހުރި ސަރުކާރު ކުންފުނިތަކުގެ ވަޒީފާ އިން އެއްވެސް މީހަކު ވަކިނުކުރި ނަމަވެސް ބައެއް މުވައްޒަފުން ވަޒީފާ އަދާކުރަންޖެހޭ އިދާރާ ނުވަތަ ކުންފުނި ބަދަލުވެދާނެ ކަމަށާއި އެކަމަކު މުސާރަ ކުޑަ ނުވާނެ ކަމަށެވެ.

"އެއްވެސް ރަށެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތެއް އެހެން ރަށަކަށް ވަޒީފާ އަދާކުރުމަށް ދާކަށް ނުޖެހޭނެ. ވަޒީފާގައި ހުރި ރަށުގައި ވަޒީފާ އަދާކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ސަބަބަކާ ހުރެ އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފިނަމަ އޭނާ ވެރިކަމަށް ވަޑައިގެން އެ މީހަކަށް އަނބުރާ އެ ވަޒީފާ ހޯދައިދޭނެ ކަމަށެވެ. އަދި އޭނާއަށް ވޯޓު ދޭ ގޮތަކަށް ބަލައިގެން އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫމަރާގެ ތަރައްގީއަށްޓަކައި ރޭވިފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ޒަމާނީ ރީތި މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށާއި، ޒުވާނުންނަށް ހާއްސަ ކޮށްގެން ޓާފް ދަނޑެއް އަދި ހޭންޑްބޯލް ކޯޓެއް އަޅުއްވައިދެއްވާނެ ކަމަށެވެ.