ޑރ. މުހައްމަދު މުއިއްޒު

ފަސް އަހަރު ވީއިރު އަސާސީ ހިދުމަތްތައް ނުދެވުނު: މުއިއްޒު

މި ސަރުކާރުުން ރަށްރަށަށް އަސާސީ ކަންކަން ފުރިހަމަ ކޮށްދެމުންދާ ކަމަށް ގަބޫލުނުކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރުން ރަށްރަށަށް ތަރައްގީ ގެންނަނީ އެއްވެސް ވަރަކަށް ދުރު ރާސްތާއަށް ވިސްނައިގެން ނޫން ކަމަށާއި ކުރާ ކޮންމެ ކަމެއް ކުރަނީ ނަމެއްގައި ކަމަށެވެ. ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ދާއިމީ ހައްލެއް މިސަރުކާރަށް ހޯދައިދެވިފައި ނުވާ ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނުކިފާނުގެ ވެރިކަމެއްގައި މިފަދަ މައްސަަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށާއި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށެވެ.

މުއިއްޒު ވިދާޅުވި ފުނަދޫގައި އެއާޕޯޓެއް އެޅުމަށްފަހު އެރަށުގެ ތަރައްގީއަށް މިސަރުކާރު މާބޮޑު ކަމެއް ކޮށްދީފައއި ނުވާ ކަމަށާއި، އެ އެއާޕޯޓަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތައް މިހާރުވެސް ނުލިބޭ ކަމަށެވެ. އަދި އެއާޕޯޓަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި، އިތުރަށް ތަރައްގީކުރަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ށ. އަތޮޅަށް އިގުތިސާދީ ގޮތުން ވަަރަށް ގިނަ ކުރިއެރުންތަކެއް ގެނެވޭނެ ކަމަށާއި، ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް އިހުމާލުވާ ކަމަށެވެ. އަދި ށ. އަތޮޅަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމުގައި މިސަރުކާރު ފެއިލްވެފައިވާތީ ރައްޔިތުންގެ އުއްމީދުތައް އޮޔާ ގޮސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ށ. އަތޮޅާއި ފުނަދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ފުނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިދީ ބޮޑު ސަރަހައްދެއް ހިއްކައި ރަށުގެ އެއާޕޯޓުގެ ރަންވޭ ދިގު ކޮށްދެއްވާނެ ކަމަށެވެ. އަދި އެއާޕޯޓުގެ ހިދުމަތް ރޭގަނޑުގެ ވަގުތުގައި ވެސް ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށާއި، ފުނަދޫގައި އިސްލާމިކް ސެންޓަރެއް އަޅުއްވައި، ދިނީ ކަންކަމަށް ހާއްސަ ސަމާލުކަމެއްދެ މުޖުތަމައެއް އުފައްދަވާނެ ކަމަށެވެ. ފުނަދޫގެ ފުޓުބޯޅަ ދަނޑު ތިން މަސް ދުވަސް ތެރޭ ނިންމަވާ، ތައުލީމީ ނިޒާމުގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިގުތިސާދީ ގޮތުން ފުނަދޫ ކުރި އެރުވުމަށްޓަކައި ނޭޗާ ޕާކެއް ރަށުގައި ތަރައްގީކޮށް، ފަރުކޮޅުގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ފަށައި ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރު ކޮށްދެއްވާނެ ކަމަށެވެ. ވަޒީފާގެ ބިރަށް ޒުވާނުން ނުތިބެ އޭނާއާ އެކު ނިކުމެގެން ވަޒީފާ އިން ވަކިކޮށްފިނަމަ މިހާރަށް ވުރެ ރަނގަޅު ވަޒީފާއެއް އޭނާގެ ވެރިކަމުގައި ދެއްވާނެ ކަމަށާއި، ޒުވާނުންގެ ހާއްސަ މަރުކަޒުތައް ރަށްރަށުގެ އާބަދީތަކަށް ބަލައިގެން އަޅުއްވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޒުވާނުން ބިނާ ކުރުމުގައި އެެންމެ އިސް ދަައުރެއް އަދާކުރަނީ އިސް ރަށްވެހިން ކަމަށްވާތީ އިސް ރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް އަޅައިދޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާއްސަކޮށްގެން މެންޓަލް ހެލްތްގެ ޒަމާނީ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރާނެ ކަމަށާއި، އެ މެންޓަލް ހޮސްޕިޓަލް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. "ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ނަމުން ޕްރޮގްރާމެއް ކުރިއަށް ގެންގޮސް، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން އާއިލާތަކާއި ހަވާލުކޮށް ފޯސްޓާ ކެއާގެ ނިޒާމު ހަރުދަނާކޮށް، އެކުދިންނަށް ފަހި މާދަމައެއް ހޯދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިވަގުތު ފެށިފައި ހުރި އެއްވެސް މަޝްރޫއެއް ނުހުއްޓޭނެ" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައިވެސް ހިދުމަތްތައް ހަމަހަމައަށް ލިިބެން ޖެހޭނެ ކަމަށާއި ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނީ އިހުލާސްތެރި ސަރުކާރަަކާ އިހުލާސްތެރި ވެރިއެއް ވެރިކަމާ ހަވާލުވެގެން ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްގަލަކަށް އަރާ އެކަތި ގަނޑަކަށް ވެގެން ކަމުގައިވެސް ވިދާޅުވި އެވެ.