ވާދަވެރިންނަށް ރައްދުދިނުމުގެ ގޮތުން ދަށު ދަރަޖައިގެ އަމަލުތައް ނުހިންގުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މުއިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ އެމްޑީޕީގެ ކެމްޕޭންގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން މިއަދު ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަށް ވަޑައިގެންނެވި ވަގުތު މުއިއްޒަށް ތާއީދުކުރާ ބަޔަކު އެކަމަނާއަށް ފުރައްސާރަކޮށް ހުރަސްއަޅާފައި ވަނިކޮށެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި އެކަމަނާއަށް ހުރަސް އެޅީ މުއިއްޒުއަށް ތާއީދުކުރާ ބަޔަކެވެ. އަދި އެއީ މުއިއްޒުގެ ކެމްޕޭން ޓީމުން ރާވައިގެން ކުރި ކަމެއް ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ށ. ފުނަދޫގައި މިރޭ ބޭއްވި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ހިޔާލު ތަފާތުވިޔަސް އެންމެންނަށްވެސް އިހްތިރާމު ކުރުމަށް އެދޭ ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުން ދަށު ދަރަޖައަށް ވެއްޓި ވާދަވެރިންނަށް ހުރަސްއެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާންޖެހޭނީ އެ މީހުން އެ ވެއްޓޭ ދަރަޖައަށް ނުވެއްޓޭ ބަޔަކަށް. އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަކު އަނެކަކަށް އިހްތިރާމު ކުރުމުގެ އާދައަކީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރީތި އާދައެއް ކަމަށެވެ. ނަމަވެސް މިހާރު އެއާދަ ގެއްލިފައިވާތީ އަނބުރާ އެއާދަ ގެނެސްގެން ނޫނީ ދިވެހިންނަށް ހަމަޖެހުމެއް ނެތް ކަމުގައި ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔައިދީ، ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތައް އަނބުރާ އިއާދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިކަންކަން ނުކުރެވޭނަމަ މުޖުތަމައުގެ ބޭނުމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.