ޑރ. މުހައްމަދު މުއިއްޒު

ޕާކިން ޖޫރިމަނާ މައާފްކޮށްދޭނަން: މުއިއްޒު

ގަވައިދާ ހިލާފަށް ޕާކް ކުރުމުން ޖޫރިމަނާ ދައްކަންޖެހިފައިވާ މީހުންގެ ޖޫރިމަނާ ފައިސާ މައާފްކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށެވެ. ނަމަވެސް ޕާކް ކުރާނެ ޖާގަ ނުދީ މިސަރުކާރުން ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައި ކަމަށާއި ސަރުކާރުން ބުނި ގޮތަށް ސަރުކާރުން އަމަލުނުކޮށް ސްޓިކާ ޖެހުމަކީ އަދުލުވެރި ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ޕާކިން ޖޫރިމަނާ އެއްކޮށް އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް މައާފުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށްޓަކައި މާލެއާއި ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމުގެ ހުއްދަތައް ސަރުކާރުގެ ތެރެއިން ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޕާކިން ބިލްޑިންތައް އަޅައި މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.