ގާސިމް އިބްރާހިމް

ސިޔާމުގެ ލޯބި އޮތީ އަޅުގަނޑަށް: ގާސިމު

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ލޯބި އޮތީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ސިޔާމާއި އެމްޑީއޭ މިވަގުތު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ބައިވެރިއެއްގެ ގޮތުގަ އެވެ. ޖޭޕީ އޮތީ މިހާރު ހިނގަމުންދާ ރައީސް ސޯލިހްގެ ވެރިކަމުގެ ދައުރަށް ހެދި ކޯލިޝަން ގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހާ އެކު ކޯލިޝަން ނުހެދުމަށް ޖޭޕީން ވަނީ ނިންމާފަ އެވެ.

ސިޔާމުގެ އުފަން އަތޮޅު -- ނ. ޅޮހީގައި މިއަދު އޮތް ޖޭޕީގެ ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ރައީސް ސޯލިހް އަރިހުގައި ސިޔާމު މިވަގުތު ހުންނެވި ނަމަވެސް ސިޔާމުގެ ސަޕޯޓަރުން ގާސިމަށް ވޯޓު ލުމަށް "ސިއްރު ކޯޑަކުން" ސިޔާމު އަންގަވާނެ ކަމަށެވެ.

އެމަނިކުފާނުގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިހްތިރާމު އޮތީ އަޅުގަނޑަށް،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާމަކީ ވެރިކަން ކުރާ ސަރުކާރަކާ އެކު އަބަދުވެސް ހުންނަވާ ވިސްނުން ތޫނު ބޭފުޅެއް ކަމަށެވެ. އެކަމަކު ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދީލާލައިގެން އެމަނިކުފާނަށް ނުހުންނެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމު ވިދާޅުވި ގޮތުގައި ސިޔާމު ވިޔަފާރި ފެއްޓެވިއިރު އެކަމުގައި ބައިވެރިވެވުނު ނަމަވެސް ފަހުން ހިއްސާ ދޫކޮށްލެއްވީ އެކުވެރިކަމަށް ބުރޫއަރާ ބޭނުން ނުވާތީ ކަމަށެވެ. އެމަނިކުފާނަކީ މީހަކަށް ދެރައެއް ދޭނެ މީހެއް ނޫން ކަމަށް ސިޔާމު ގަބޫލުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ސިޔާމްގެ ހިތްޕުޅުގައި އެއްވެސް ޝައްކެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

ކެމްޕޭން ޖަލްސާތަކުގައި ގާސިމް ގެންދަވަނީ ޕީޕީއެމް އެމްޑީޕީ އަދި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީއާއި ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް އަނިޔާއާއި ބޭއިންސާފު ކަންކަން ކޮށްދިނުން ފިޔަވާ އެހެން ކަމެއް ނުވާ ކަމުގައި ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.