އެމްޑީޕީ

ދަނޑުވެރިކަމާއި މަސްވެރިކަމަށް ދެ ވުޒާރާ

ދިވެހި ދަނޑުވެރިންނަށް ދިވެހި މާކެޓާއި، ރިސޯޓުތަކާ، ބައިނަލްއަގްވާމީ މާކެޓްތައް ގުޅުވާލެވޭނެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މެނިފެސްޓޯގައިވާ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތުގައި ބުނެފައިވަނީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިންއެއް ގާއިމުކޮށް، ދިވެހި ދަނޑުވެރިންނަށް ދިވެހި މާކެޓާއި، ރިސޯޓުތަކާ، ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިދޭނެ ކަމަށެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމަކީ ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖައްސައި، ސަރުކާރު ސިޔާސަތު އަދި ޕްރޮޖެކްޓްތައް އެ ސިނާއަތާ ގުޅޭ ގޮތަށް ބައްޓަންކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ދަނޑުވެރިންގެ ތަފްސީލީ ދަފްތަރެއް އެކުލަވާލާ ދަނޑުވެރިންގެ އުފެއްދުންތައް ހިސާބުކުރެވި، އިމްޕޯޓް ބަދަލުކުރުމުގައި ބައިވެރިވާ ދަނޑުވެރިންނަށް ބޯނަސްތަކެއް ދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.


ތަންކޮޅެއް ކުޑަކޮށް މަސައްކަތް ކުރާ ދަނޑުވެރިންނަށް ބޭނުންވާ މައިކްރޯފައިނޭންސިން ސްކީމްތައް ތައާރަފްކޮށްދީ ދަނޑުވެރިންނަށް ބޭނުންވާ ބިން ހޯދައިދިނުމަށް އިސްކަންދޭނެ ކަމަށްވެސް ބުނެފައި އެވެ.

ރާއްޖޭގެ ރަށްތަކުގައި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މީހުންނަށް، ވަކިން ހާއްސަކޮށް ގޭގާ ތިބެގެން މަސައްކަތްކުރާ އަންހެން ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށްވެސް ހިމަނާފައިވެ އެވެ.

މިސަރުކާރުން އުފައްދާފައިވާ އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިކަމުގެ ވަސީލަތްތަކާއެކު އެކަމަށް ހާއްސަ ރަށްތައް މުޅިން އަލަށް ތަރައްގީކޮށް، ދަނޑުވެރިންނަށް އެ ރަށްތަކުގައި ދަނޑުވެރިކަންކޮށް ޔަގީންކަމާއެކު ދަނޑުވެރިކަމުގެ ނަފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ.

މެނިފެސްޓޯގައި ވަނީ ބިން ނެތް އަތޮޅުތަކުގެ ރަށްތަކަށް ހާއްސަކޮށް އިނޮވޭޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށާއި ވާޓިކަލް އަދި ހައި-ޑެންސިޓީ ފާމިން ފަދަ ދަނޑުވެރިކަން ފުޅާކުރުމަށް ފަންނީ އަދި މާލީ އެހީތެރިކަން ހަމަޖައްސައިދީ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި އަހަރު ތެރޭގައި ހައްދާ ތަރުކާރީ އާއި މޭވާ ލިބިގެންދާނެ އިންތިޒާމު ފަހިކޮށްދިނުމަށްވެސް ވައުދުވެފައިވެ އެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާން ޖީލެއް ވެއްދުމުގެ ގޮތުން "އެގްރިޕްރިނިއާސް" އުފެއްދުމުގެ ޕްރޮގްރާމެއް ތައާރަފްކުރަންވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ދިވެހި ދަނޑުވެރިންގެ އުފެއްދުންތެރިކަމާ ނަފާ އިތުރުކުރުމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރުމަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ބަލާ، އިމްޕޯޓް ސަބްސްޓިޓިއުޝަނަށް ކަނޑައަޅާ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދަނޑު ގޮވާން ކުރާ ފަރާތްތަކަށް، އެފަރާތްތަކުގެ ބިންތަކަށް މޫސުމީ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ދަނޑުގޮވާން އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރުމަށްވެސް މެނިފެސްޓޯގައި ހުށަހަޅާފައިވެ އެވެ.