ދުނިޔެ

ޕްރިގޯޒިން މަރާލީ ރަޝިއާއިން ކަމަށް އަދި ބުނެވޭކަށް ނެތް: އެމެރިކާ

ވެގްނާ ކުލީ ސިފައިންގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން މަރުވީ ރަޝިއާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ކަމަށް ބުނަން ދައްކާނެ އެއްވެސް ހެއްކެއް، ހުއްޖަތެއް އަދި ސާބިތުވެފައި ނުވާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން ޕިއާ ވިދާޅުވީ -- ޕްރިގޯޒިންގެ މަރާ މެދު ވައިޓް ހައުސްގެ ގަބޫލުކުރުމަކީ -- އޭނާ މަރުވީ އޭނާ ދަތުރުކުރި މަތިންދާބޯޓު ވެއްޓިގެން ކަމަށެވެ.

ޕްރިގޯޒިން ދަތުރުކުރި އަމިއްލަ މަތިންދޯބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި މުޅިން ސާފެއް ނުވެ އެވެ. ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުން ބޯޓު ވައްޓާލުމުގެ އަޑީގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހުންނަވާނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރިން ވިދާޅުވި ގޮތުގައި ޕްރިގޯޒިންއަށް ވީގޮތް ޕޫޓިންއަށް ނޭނގި އޮތުމަކީ ނާދިރު ކަމެކެވެ.

ކަރީން ޖޯން ޕިއާ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އޯގަސްޓް 23 ގައި ޕްރިގޯޒިން ދަތުރުކުރި މަތިންދާބޯޓު ވެއްޓުނުކަން ވައިޓް ހައުސްއަށް މިހާރު އޮތީ ކަށަވަރު ކުރެވިފަ އެވެ.

އެ ބޯޓު ދަތުރުކުރި މަގަށް އެހެން ބަޔަކު ހުރަސްއަޅައި ހަމަލައެއް ދީފައިވާ އަދި ގަބޫލުކުރެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ވެގްނާ ގުރޫޕަކީ ރަޝިއާގެ މަސްލަހަތު ހިމާޔަތްކުރުމުގައި ރަޝިއާގެ އަސްކަރިއްޔާއަށް އެހީތެރިވެދޭ ކުލީ ސިފައިންގެ ޖަމާއަތެކެވެ. މި ގުރޫޕުން ވަނީ ޔުކްރޭންގައި ރަޝިއާ ސިފައިންނަށް އަސްކަރީ ގޮތުން އެހީތެރިވެ ދީފަ އެވެ.

ނަމަވެސް، ރަޝިއާގެ އަސްކަރިއްޔާއިން އެކަށީގެންވާ ވަރަށް ހަތިޔާރު ސަޕްލައި ނުކޮށްދޭ ކަމަށް ބުނެ ޕްރިގޯޒިން ވަނީ ރަޝިއާގެ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ރަޝިއާގެ އަސްކަރިއްޔާގެ ވެރިންގެ ކިބައިން ބަދަލުހިފާނެ ކަމަށް ވެސް ޕްރިގޯޒިން ވިދާޅުވި އެވެ.

ޔުކްރޭންގައި ރަޝިއާ ސިފައިންނާ ބައިވެރިވެގެން ހަނގުރާމަކުރަމުން ދަނިކޮށް ކުރިމަތިވި ހިތްހަމަނުޖެހުންތަކަށް ބަދަލުހިފުމަށް ޕްރިގޯޒިން ވަނީ ރަޝިއާ ބޯޑަރު ހުރަސްކޮށް ހަތިޔާރާ އެކު މޮސްކޯއަށް އަރަން މަސައްކަތްކޮށްފަ އެވެ.

އެއިރު ވާހަކަތައް ދެކެވުނީ އަސްކަރީ ބަޣާވާތަކުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މަގާމުން ދުރުކޮށް ދައުލަތުގެ ވެރިން ހައްޔަރުކުރަން ޕްރިގޯޒިން ރާވާފައި އޮތް ކަމަށެވެ.