ހަބަރު

މާވާރުލު އެގްރިމެންޓް ބާތިލުކުރިއިރު 60 ޕަސެންޓް ވަނީ ނިމިފައި: މޫވިން

ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރުމަށްޓަކައި މޫވިން އިންޓަނޭޝަނަލް ކުންފުންޏަށް ހަވާލުކުރުމަށްފަހު ކުންފުންޏަށް ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ސަރުކާރުގެ އިދާރާތަކުން ގަސްދުގައި ހިފަހައްޓަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުން ވަނީ އެ ކުންފުންޏާއެކު އެއާޕޯޓް ތަރައްގީކުރުމަށް ހެދި އެގްރިމެންޓް ބާތިލުކޮށްފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވީ، މާވާރުލު އެއާޕޯޓްގެ މަސައްކަތް ނިންމުމަށްޓަކައި ތިން ފަހަރު މަތިން މުއްދަތު އިތުރުކޮށް ފުރުސަތު ދެވިފައިވާ ކަމަށެވެ.

ނަމަވެސް ބާތިލުކުރިއރު އެއާޕޯޓްގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ދަނީ ބުނަމުންނެވެ.

މޫވިން އިންޓަނޭޝަނަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާވާރުލް އެއާޕޯޓް ތަރައްގީ ކުރުމަށް އިހުމާލުވެފައިވާ ކަމަށް ބުނެ ތަފާތު މަރުހަލާތަކުގައި ސަރުކާރުން ދޮގު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.


މޫވިން އިންޓަނޭޝަނަލްއިން ބުނީ މާވަރުލް އެއާޕޯޓް ތަރައްގީކުރުމަށް ސަރުކާރާއެކު 10 ޖޫން 2011 ގައި އެއްބަސްވީ ނަމަވެސް މިކަމާ ގުޅިގެން މި ކުންފުންޏަށް ހަވާލުކުރަންޖެހޭ ރިސޯޓު ތަރައްގީކުރާ ރަށް ހަވާލުކޮށްފައިވަނީ 23 ޑިސެމްބަރު 2013 ގައި ކަމަށެވެ. އަދި ބުނީ މިކަންކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔެ ފޮނުވާފައިވާ އެއްވެސް ސިޓީއަކަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

"މިއަދާ ހަމައަށް މި ކުންފުންޏަށް ދަތިކުރުމުގެ ގޮތުން ސަރުކާރުން ނިންމަންޖެހޭ އެތައް ކަމެއް ނުކޮށްދީ ހިފަހައްޓާފައިވާކަން ވެސް ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.