މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މަޑުއްވަރީ ކައުންސިލުގެ ދަށަށް އުފުލަންދޫ ބަދަލުކޮށްފި

ރ. މަޑުއްވަރީ ކައިރީގައި އޮތް ރ. އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އުފުލަންދޫ، މަޑުއްވަރީ ކައުންސިލާ ހަވާލުކުރީ ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވާ އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ފަޅުރަށެއް ބެލެހެއްޓުން ވަކި ޝަރުތަކާއެކު ކައުންސިލަކާ ހަވާލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާތީ އެ އުސޫލުގެ ދަށުން ރައީސް އެގޮތަށް ނިންމެވުމުން ކަމަށެވެ.

އުފުލަންދޫ ބެލެހެއްޓުން މަޑުއްވަރީ ކައުންސިލާ ހަވާލުކުރީ ފަސް އަހަރަށެވެ.

މިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ މެންބަރު އާޔަތުﷲ ނައީމެވެ.