ދުނިޔެ

އިޒްރޭލު ބިރުގަންނަ ވަރަށް ރަޝިއާއިން އީރާނަށް އެހީތެރިވޭ: މޮސާދު

އިޒްރޭލުގެ ސަލާމަތަށާއި ދެމިއޮތުމަށް ނުރައްކާވާ ވަރަށް ރަޝިއާއިން އަސްކަރީ ގޮތުން އީރާނަށް އެހީތެރިވާ ކަމަށް އެ ގައުމުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެރިޔާ ޑޭވިޑް ބާނިއާ ވިދާޅުވެއްޖެ އެވެ.

ޑޭވިޑް ބާނިއާ ވިދާޅުވި ގޮތުގައި އީރާން އަތުގައި ޒަމާނީ ހަތިޔާރު އެކަށީގެންވާ ވަރަށް އެބަ ހުއްޓެވެ. އަދި ރަޝިއާގެ އެހީތެރިކަމާ އެކު، ހަތިޔާރު އުފެއްދުމަށާއި ފަނާކުރަނިވި މާއްދާތައް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް އީރާނުން ދަނީ ލިބިގަންނަމުންނެވެ.

ރީޗްމަން ޔުނިވާސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ވާހަކަދައްކަވަމުން މޮސާދުގެ ވެރިޔާ ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވި ގޮތުގައި، ރަޝިއާ އާއީ އީރާންގެ ގުޅުން މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ އަސްކަރީ އެއްބާރުލުމުގެ މައްޗަށެވެ.

އީރާންގައި އުފައްދާ ކަމިކާޒޭ މަރުކާގެ ޑްރޯންތަކަކީ ރަޝިއާއަށް މި ދަނޑިވަޅުގައި ވަރަށް މުހިއްމު ވަސީލަތެއް ކަމަށްވެސް ޖާސޫސީ ވެރިޔާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޭގެ ބަދަލުގައި ރަޝިއާއިން ފޯރުކޮށްދެނީ ޓެކްނޮލޮޖީ އާއި އިންޓެލިޖެންސް ކަމަށެވެ.

ޔުކްރޭން ހަނގުރާމައިގައި އީރާން އަކީ ރަޝިއާއަށް ހިތްވަރެއް ކަމަށްވެސް ޑޭވިޑް ބާނިއާ ވިދާޅުވި އެވެ.

މޮސާދުގެ ވެރިޔާ ވިދާޅުވި ގޮތުގައި އީރާންގައި މީގެ ކުރިން ނެތް ވަސީލަތްތައް ރަޝިއާއިން ފޯރުކޮށްދިނުމަކީ އިޒްރޭލަށް އޮތް ވަރަށް ބޮޑު ބިރެކެވެ. އެފަދަ ވަސީލަތްތަކުގެ ބޭނުންހިފައި، އީރާނުން މެދުވެރިން ބޭނުންކޮށް އިޒްރޭލާ ދެކޮޅަށް ހަރަކާތްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލު ތެރޭގައި ދާހިލީ ހަމަނުޖެހުމެއް އުފެއްދުމަކީ އީރާނުން ރާވަމުން ގެންދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އިޒްރޭލު ތެރޭގައި ހިންގާ ކޮންމެ ހަމަނުޖެހުމަކުން އީރާން ފައިދާ ހޯދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ އެހީތެރިކަމާ އެކު އީރާނުން އާ ވައްތަރުތަކުގެ މިސައިލްތައް އުފެއްދުމަކީ އިޒްރޭލަށް މަޑުން އޮވެވޭނެ ކަމެއް ނޫން ކަމަށާއި ބާރުގަދަ މިސައިލް ޓެކްނޮލޮޖީ އީރާނަށް ފޯރައިފިނަމަ އިޒްރޭލުގެ ޒަަމާން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން އިޒްރޭލު ސަރަހައްދުގައި ހަރަކާތެރި ކުރުވާ ހަނގުރާމަވެރި ގުރޫޕްތަކަށް މިސައިލް ލިބިއްޖެނަމަ އިޒްރޭލުގެ ހުރިހާ ބިތަކަށް ހަމަލާ ދޭނެ ކަމަށާއި އެއަށް ވުރެ ދުރަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވިސްނަން ޖެހޭ ކަމަށްވެސް ޖާސޫސީ ވެރިޔާ ވިދާޅުވި އެވެ.