ދުނިޔެ

އިސްފަހާނަށް ދިން ޑްރޯން ހަމަލާއަށް ޖަވާބުނުދީ ނުތިބޭނަން: އީރާން

އީރާންގެ އަވަށެއް ކަމަށްވާ އިސްފަހާންގައި ހުންނަ އަސްކަރީ ކާރުޚާނާއަކަށް ދިން ޑްރޯން ހަމަލާއަށް ޖަވާބުނުދީ ހިމޭނުން ނޯންނާނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތު ކޮމިޓީގެ ތަރުޖަމާނު މަހްމޫދު އައްބާސްޒާދާ މަޝްކިނީ ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި ޑްރޯން އާއި ރޮކެޓްގެ ބައިތައް އުފައްދާ އަސްކަރީ ކާރުޚާނާއަކަށް -- ތިން ޑްރޯން ބޭނުންކޮށްގެން ހޮނިހިރު ދުވަހުގެރޭ ބަޔަކު ދިން ހަމަލާތަކުގައި -- ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އީރާން ބުނެ އެވެ.

އަސްކަރީ ކާރުޚާނާއަށް ހަމަލާދިން ރޭ އީރާންގެ އެހެން އަވަށެއްގައި ހުންނަ ތެޔޮ އުފައްދާ ސިނާއީ ޕްލާންޓެއްގައި އެއްޗެއް ގޮވައި ވަނީ އަލިފާން ރޯވެފަ އެވެ.

ޖެހިޖެހިގެ ހިނގި ގޮތް ނޭނގޭ މި ހަލަމާތަކަކީ -- އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން އިޒްރޭލުގެ ރޭވުމެވެ.

މި ކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިރާންގެ ދެ ދިމާއެއްގައި ހިނގި މި ހާދިސާތަކާ ބެހޭ ގޮތުން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ލަފާއަރުވާ މިޚައިލޯ ޕޮޑޮލިޔަކް ވިދާޅުވީ އީރާނަށް ޑްރޯން ހަމަލާތަކެއް އަމާޒުވާން ޖެހުނު ސަބަބަކީ ޔުކްރޭން ހަނގުރާމާގައި އީރާން ރަޝިއާއަށް ތާއީދުކުރާތީ ކަމަށެވެ.

މި ހަމަލާތަކުގައި ޔުކްރޭންގެ އަތެއް އޮތްތޯ މަޝްކިނީއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ހަމަލާތަކަށް ދޭނެ ޖަވާބަކާ މެދު އީރާނުން ވިސްނާނެ ކަމަށެވެ. އަދި މި ކަމުގައި އީރާން ހިމޭނުން ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޝްކިނީ ވިދާޅުވި ގޮތުގައި ހަމަލާގެ ފަހަތުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ރައްކާތެރިވާނެ ގޮތެއް ހޯދަން އަދި ވަގުތު އޮތް ކަމަށެވެ. އަދި އެފަދަ ގޯހެއް ދެވަނަ ފަހަރަށް ހަދަން އެ ބަޔަކަށް އީރާނުން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.