ފަލަސްތީނާ އިޒްރޭލު ސުލްހަކުރަން އދއަށް ނުކުރެވުނު ކަމެއް ސައޫދީ އަރަބިއްޔާއަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފަލަސްތީންގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ ވިދާޅުވެއްޖެ އެވެ.
މާލިކީ ވިދާޅުވި ގޮތުގައި ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމަކީ ސައޫދީގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ނޫނެވެ. އެއަށްވުރެ ހައްގުކަން ބޮޑީ އދ މެދުވެރިވެގެން -- ފަލަސްތީން - އިޒްރޭލު މައްސަލަ ހައްލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ސިފައިން ބޭނުންހާ ވަގުތެއްގައި ފަލަސްތީނުގެ އަވަށްތަކަށް އަރައިގަނެ ޖަރީމާތައް ހިންގަނީ އދއަށް އެ ޖަމާއަތުގެ ދައުރު ރަނގަޅަށް އަދާނުކުރެވޭތީ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މާލިދީ ވިދާޅުވީ އދ އިން ފަލަސްތީން މައްސަލައިގެ ތެރެއަށް ތަންކޮޅެއް ރަނގަޅަށް ވަންނަން ވެއްޖެ ކަމަށެވެ. އަދި އދގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދުނިޔެއަށް ބާރުއަޅަން ވެއްޖެ ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީން މައްސަލައަށް ހައްލެއް ހޯދަން އދ އިން އެއްވެސް ކަމެއް ނުކުރާ ކަމަށް މާލިކީ ވިދާޅުވި އެވެ. އުންމީދަކީ އދގެ ދައުރު ފުޅާކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މާލިކީ މި މޭރުމުން ބަސް ވިދާޅުވި ސަބަބަކީ، ސައޫދީއާ އެކު ސިޔާސީ ގުޅުން އިޒްރޭލަށް ގާއިމުކުރެވިއްޖެނަމަ އެއީ ފަލަސްތީން މައްސަލަ ހައްލުކުރަން ފަސޭހަ މަގަކަށް ވާނެ ކަމަށް އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެންނެވެ. އަދި ފަލަސްތީން - އިޒްރޭލު ސުލްހަވުމަށް ހުރި ވާހަކަތަކަށް އަލި މަގެއް ވަރަށް އަވަހަށް ފެންނާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ފަލަސްތީނަށް ހެޔޮ ގޮތެއް ހޯދައިދިނުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދެކޭ ހުވަފެނެކެވެ. ސައޫދީ އަރަބިއްޔާގެ އިތުރުން ޗައިނާ ވެސް ވަނީ އަމަލީ ގޮތުން މި މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ކަމަށް ބުނެފަ އެވެ. އަދި ފަލަސްތީންއާ އިޒްރޭލު ސުލްހަކޮށް -- ދެ ގައުމުގެ ގޮތުގައި މިނިވަންކަމާ އެކު އުޅެވޭނެ މަގެއް ކޮށުމަށް ޗައިނާއަށް ލިބިފައި ހުރި ހުރިހާ ބާރުތަކެއް ބޭނުންކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ނުލިބިގެން އުޅެނީ އެމެރިކާ އާއި އިނގިރޭސިވިލާތް މިކަމަށް ބޭނުންނުވާތީ އެވެ. މެދުއިރުމަތީގައި އެންމެ ނުބައި ހަދާ ދެ ގައުމަކީ ވެސް މިއީ އެވެ.