މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެދޭނަމަ އޮތް ހަމައެކަނި ގޮތަކީ ފަލަސްތީންގެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުން ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވި ގޮތުގައި ފަލަސްތީނަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.
ފަލަސްތީނަށް ހޯދައިދެވޭ ހައްލަކީ ބައިނަލްއަގްވާމީ ގަރާރުތަކާ ފުށުއެރުމެއް ނެތް ހައްލަކަށް ވާން ޖެހޭ ކަމަށްވެސް ހާރިޖީ ވަޒީރު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުކުރުމާއި އިރުމަތީ ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ހަދަން ޖެހޭ ކަމަށެވެ.
ފައިސަލް ބިން ފަރުހާން ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުވާއިރު 1967 ގައި އެކުލަވާފައި އޮތް އަރަބި ސުލްހައިގައި ބުނާ އިމަށް -- ބޯޑަރަށް ރުޖޫއަވާން ޖެހޭނެ ކަމަށެވެ.
އިޒްރޭލާއި ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އާ ދެމެދު 1993 ގައި ސޮއިކުރި އޮސްލޯ ގަރާރުގައި ފަލަސްތީނަށް މަދަނީ ބާރުވެރިކަމެއް ދިނުމަށް އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް ފަލަސްތީނަށް ދައުލަތެއް ދިނުމަށް ކުރަން ހަމަޖެއްސި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފޭލިވީ އެވެ.
އޭގެ އަރަހުތަކެއް ފަހުން އޭޕްރީލް 2014ގައި ސުލްހައިގެ މަޝްވަރާތައް ފަށައި ވަކި ހިސާބަކަށް ކުރިއަށް ގެންދެވުނެވެ. ނަމަވެސް އިޒްރޭލުން އިސްތިއުމާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ގެދޮރުވެރިކުރުން -- ޔަހޫދީ ދައުލަތުން ހުއްޓައި ނުލުމުގެ ސަބަބުން މަޝްވަރާތަކުގައި ބުރަކިޖެހި އަނެއްކާ ވެސް ފޭލިވީ އެވެ.
ފަލަސްތީނުން ކޮންމެ ފަހަރަކުވެސް އިޒްރޭލާ އެކު ސުލްހަވުމަށް މަޝްވަރާ ފަށަނީ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެވެ.
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ގައިދީން ދޫކޮށްލުން ޝަރުތުކޮށް ފެށި މަޝްވަރާތައްވެސް -- މަޝްވަރާތައް ފެށިގެން ދުވަސްތަކެއް ފާއިތުވިއިރު ވެސް، އިޒްރޭލުން ކުރަން ބުނި އެއްވެސް ކަމެއް ނުކުރުމުން، ހުއްޓާލަން އޮތީ ޖެހިފަ އެވެ.
ފައިސަލް ބިން ފަރުހާން މި މޭރުމުން ތަގުރީރު ކުރެއްވިއިރު ސައޫދީއާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ބަދަހިކުރަން އުޅޭ ވާހަކަަ އޮތީ ފަލަ ސުރުހީ ގައެވެ.
ސައޫދީގެ ބުނުމަކީ ފަލަސްތީނަށް ހެޔޮ ގޮތެއް -- މިނިވަން ދައުލަތެއް ކަށަވަރު ވެއްޖައުމަށް ދާންދެން އިޒްރޭލާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމެއް ނޯންނާނެ ކަމަށެވެ.