ދުނިޔެ

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ: ސައޫދީ

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް ސައޫދީ އަރިބިއްޔާއިން ގޮވާލާ ގޮވާލުން އާކުރައްވައި އދ. އަށް ހުށަހަޅައިފި އެވެ.

ސައޫދީން އދ. އަށް ބަޔާން ހުށަހެޅުއްވީ އދ. ގައި ސައޫދީ ތަމްސީލްކުރާ ވަފުދުން، މުހައްމަދު އަލްއަތީގް އެވެ.

ސައޫދީގެ ބަޔާނުގައި ގޮވާލާފައިވަނީ އިޒްރޭލުން ޖަހައިގެންފައި ހުރި ބިންތައް ދޫކޮށްލުމަށާއި ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން އިޒްރޭލުން ކުރާ މަސައްކަތްތައް ހުއްޓާލުމަށެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދައި އަދި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ވާންޖެހޭ ކަމަށް ވެސް ސައޫދީން ބުންޏެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ހެދި ގައުމު ދޫކޮށް ގޮސް ތިބި ރެފިއުޖީން އެނބުރި ފަލަސްތީނަށް ގެންދެވޭނެ ނިޒާމެއް ގާއިމުކުރަން ވެސް ވަނީ ގޮވާލާފަ އެވެ.

މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން އަދި ޚާއްސަކޮށް އިޒްރޭލާއި ފަލަސްތީނާ ބެހޭ ގޮތުން އދ.ގެ ސަލާމަތާ ބެހޭ މަޖިލީހުގައި ވާހަކަދައްކަވަމުން އަތީގް ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމުވެގެން ނޫން ގޮތަކަށް މެދުއިރުމަތީގައި ސުލްހަ ގާއިމުނުކުރެވޭނެ ކަމަށެވެ.

އަތީގް ވިދާޅުވި ގޮތުގައި ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް އިޒްރޭލުގެ އަނިޔާވެރިކަން އިތުރުކުރާ ކަމަށެވެ. އަދި މަސްޖިދުލް އަގްސާގައި ނަމާދުކުރަން ހުރަސްއަޅައި ފަލަސްތީންގެ އާންމުންނަށް އަނިޔާކުރުން ހައްދުފަހަނައަޅާ ދާ ކަމަށެވެ.

ފަލަސްތީންގެ މައްސަލައާ މެދު އިސްލާމީ އުއްމަތް ކަންބޮޑުވާ ކަމަށް ވިދާޅުވެ އަތީގް ވިދާޅުވީ ބައިނަލްއަގުވާމީ މުއާހަދާތަކާ އިޒްރޭލު ޚިލާފުވާއިރު މައްސަލަ ހައްލުކުރުމުގައި އދ. އަށް އެކަށީގެންވާ ކަމެއް ނުކުރެވޭ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އިޒްރޭލު ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ނުފޫޒު ގަދަ ގައުމުތަކުން ނުކުރާ ނަމަ އޭގެ މާނައަކީ މެދުއިރުމަތި ސުލްހަކުރަން އެގައުމުތަކުން ބޭނުން ނުވަނީ ކަމަށެވެ.

ޔަމަނުގައި ވަކި ވެރިކަމެއް އުފައްދަން ހަނގުރާމަކުރާ ބާޣީ ހޫތީން ސައުދީއަށް ދޭ ހަމަލަތައް ވެސް އަތީގް ކުށްވެރި ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސައުދީ ރައްޔިތުންގެ ދިފާއުގައި ސަލާމަތީ ބާރުތައް ހަރަކާތްތެރިވާނެ ކަމަށާއި އެނޫން ގޮތެއްގައި ބައިނަލްއަގްވާމީ މަޖިލީސްތަކުން ހޫތީން ހުއްޓުވަންވީ ކަމަށެވެ.