ވެރިކަން ލިބިވަޑައިގެންފިނަމަ އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ފަދަ ވަޒީރުންގެ މަޖިލީހެއް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި މިރޭ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާ އެކުލަވާލާ ކެބިނެޓްގައި ތިއްބަވާނީ ކަންކަން ކުރަން އެނގިވަޑައިގަންނަވާނެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ. ކުންފުނިތަކުން މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައިވެސް ތިއްބަވާނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމުގައި ވިދާޅުވި އެވެ.
"މިއުޅެނީ ސަމާސާއެއް ކުރާކަށް ނޫން. ސަކަރާތެއް ޖަހާކަށް ނޫން. ސީރިއަސް މަސައްކަތެއް ކުރަން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހައްލުކުރަންޖެހޭ މުހިއްމު ބޮޑެތި މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން އެންމެ މުހިއްމި އެއް މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށްވާތީ ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފަށާނެ ކަމުގައި ވިދާޅުވި އެވެ. އެހެންވެ ގައުމާ މެދު ވިސްނުމަށްފަހު ރައްޔިތުން އޭނާއަށް ވޯޓު ދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަނީ ވަކި ގައުމަކަށް ބަރޯސާވެ އަމިއްލައަށް ކަންކަން ނިންމުމަށް ދަތިވެފައި ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އިންޑިއާގެ ނަން ވިދާޅު ނުވެ މުއިއްޒު ވަނީ އިންޑިއާ އާއި އަބަދުވެސް މައްސަލަ ޖެހިފައި އޮންނަ އަވަށްޓެރި ގައުމެއް ކަމަށްވާ ޕާކިސްތާނަށް ދިވެހި ސަރުކާރުގެ އިސްވެރިން ވަޑައިނުގަންނަވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އަރަބި އިސްލާމީ ގައުމުތަކަށް މިސަރުކާރުގެ އިސްވެރިން ވަޑައިގެންނެވި އަދަދު ނިސްބަތުން މަދުކަންވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.
މުއިއްޒު މިރޭ ކުޅުދުއްފުށްޓަށް ވަޑައިގަތީ މިއަދު ބ. އަތޮޅުގައި ކެމްޕޭންގައި އުޅުއްވުމަށްފަހު ޅ. މަޑިވަރަށް ވަޑައިގެން އެ އެއާޕޯޓުން ސީދާ ކުޅުދުއްފުށްޓަށެވެ. މަޑިވަރަށް ވަޑައިގެންނެވި ވަގުތު ކައިރީގައި އޮތް ނައިފަރަށް ވަގުތުކޮޅަކަށް މުއިއްޒު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.