އޭނާގެ ސަރުކާރެއްގައި މަގާމުތަކަށް ހަމަޖައްސާނީ ތެދުވެރި އިހްލާސްތެރި އަދި ރައްޔިތުންނަށް ޖަވާބުދާރީ ވާން ކެރޭ ބޭފުޅުން ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގަލޮޅު ކަންމަތީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އިހްލާސްތެރި ނުވެވޭނަމަ އަދި ޖަވާބުދާރީ ނުވެވޭނަމަ އޭނާގެ ވެރިކަމެއްގައި އެފަދަ ބޭފުޅަކަށް މަގާމުގައި ނުހުންނެވޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަޝްރޫއުތަކުގެ މައުލޫމާތު ހިފެހެއްޓުމެއް ނެތި ހާމަކުރައްވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގާނީ ދެފުށް ފެންނަ ގޮތަށް މައުލޫމާތުވެސް ލިބޭ ގޮތަށް ކަމުގައި ވިދާޅުވި އެވެ.
"ޖަވާބުދާރީވާން ނުކެރޭނަމަ އެއްވެސް މީހަކަށް އެއްވެސް މަގާމެއްގައި ނުހުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތައް މިނިވަންކުރުމާއި އެތަންތަނަށް ބޭފުޅުން އައްޔަންކުރުމުގައި ގެންގުޅުއްވާނެ ސިޔާސަތުވެސް ހާމަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ މިނިވަން މުއައްސަސާތައް މިނިވަން ވަނީ ހަމައެކަނި ނަމެއްގައި ނޫން ކަމަށާއި ގާނޫނުގައި ބުނާ ބާރުތަކާ އެކު މަސައްކަތް ކުރަން އެ އިދާރާތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވާއިރު ބަލާނީ އެ ބޭފުޅެއްގެ އިލްމާއި ތަޖުރިބާއަށް ކަމަށާއި މަޖިލީހުން ވަކި ގޮތެއް ނިންމަން އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ.
"މެރިޓް ބޭސްޑް ލިސްޓެއް އަޅުގަނޑު މަޖިލީހަށް ފޮނުވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާގެ ސަރުކާރެއްގައި އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ ތިއްބަވާނީ ދިވެހިން ފަހްރުވެރިވާ ފަދަ ބޭފުޅުން ކަމަށްވެސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. އަދި ޝަރުއީ ދާއިރާއަށް ވެސް ހަގީގީ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.