އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރާ އެކު ތަރައްގީކުރާ ޑޮކްޔާޑަކީ ބޭރުގެ ބޮޑެތި މަނަވަރުތައް މަރާމާތަށް އެހެލާ ބޭލޭ ވަރަށް ވުރެ މާކުޑަކޮށް ހަދާ ތަނެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައި މިވަނީ އުތުރު ތިލަފަޅު ބަނދަރާއި ޑޮކްޔާޑް ހަދަނީ އިންޑިއާގެ ބޮޑެތި އަސްކަރީ މަނަވަރުތައް ބަނދަރަށް ކައިރިކޮށް ޑޮކްޔާޑަށް އެހެލާ ބޭލޭ ގޮތަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވެ.
ސޯޝަލްމީޑިއާގައި ދައުރުވެގެން އުޅޭ އުތުރު ތިލަފަޅުގެ ބަނދަރު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމަކީ ރަނގަޅު ކުރެހުމެއް ކަމުގައިވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުތުރު ތިލަފަޅު ބަނދަރު ތަރައްގީކުރަމުންދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އެޅުމަށްޓަކައި ކަމަށެވެ. ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް މިހާރު އަޅާފައި އޮންނަނީ ހުޅުމާލޭގެ ބަނދަރުން 270 މީޓަރުގެ ސަރަހައްދެއް އެމްއެންޑީއެފް އަށް ނެގުމަށްފަހު އެ ސަރަހައްދު ގައެވެ. ނަމަވެސް އުތުރު ތިލަފަޅުގައި މިހާރު ހަދަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަ ފެސިލިޓީ ހެދުމުން ހުޅުމާލޭގައި ބަނދަރުކޮށްފައި އޮތް އުޅަނދުތައް އުތުރު ތިލަފަޅަށް ބަދަލުކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އުތުރު ތިލަފަޅު ބަނދަރާއި ޑޮކްޔާޑް ހަދަނީ ހަމައެކަނި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކަށް ހާއްސަ ކުރެވިގެން ކަމަށްވާތީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ވުރެ ބޮޑެތި އުޅަނދު ފަހަރު އެހެލައި މަރާމާާތުކުރެވޭ ފެންވަރަށް އެތަން ތަރައްގީ ކުރަމުން ނުދާ ކަމަށެވެ.
"އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ތަނެއް ބޮޑު އުޅަނދު ފަހަރަށްވާތީ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް މަރާމާތަށް އެހެލާ ބޭލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ އުތުރު ތިލަފަޅުގެ ބަނދަރު މަޝްރޫއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމްއެންޑީއެފްގެ ހިންގުމުގެ ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
"މިކަމުގެ ސާފު މައުލޫމާތު ގެނެސްދެއްވުމަށާއި ހަގީގަތާއި ހިލާފު ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ އެއްބަސްވުމެކެވެ.
އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރު ތަރައްގީކުރުމަށް ފައިސާ ހަމަޖައްސައިދޭ ފަރާތަކީ އިންޑިއާ ކަމަށްވާތީ މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ވިކާސް ނިގާމް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.
ވިކާސް ނިގާމްއާ މަސައްކަތް ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރު -- 2.8 ބިލިއަން ރުފިޔާ އަށެވެ. ވިކާސް ނިގާމް އަކީ ރެއިލްވޭތަކުގެ މަސައްކަތްކުރާ އިންޑިއާގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.