އެމްޑީޕީ

މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީއެއްގައި ހައިތަމް ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމެވީ ރައްޔިތުންނަށްޓަކައި ކުރައްވަން ބޭނުންވި ބައެއް ކަންކަން ކުރެއްވުމަށް ޕާޓީގެ ތެރެއިން އެއްބާރުލުން ލިބިވަޑައިނުގަތުމުން ކަމަށެވެ. އެހެންކަމުން އޭނާ ގަބޫލުކުރައްވާ އުސޫލުތަކައިގެން ކުރިއަށް ވަޑައިގަނެވެން ނެތް ޕާޓީއެއްގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ފޮނަދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މޫސާ ސިރާޖުވެސް މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ވަނީ އިދިކޮޅު ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.

ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭންގައި ވަކިން ހާއްސަކޮށް ޑޯ ޓް ޑޯ ހަރަކާތްތަކުގައި އޭނާ ވަރަށް ބޮޑަށް ބައިވެރިވެފައިވެ އެވެ.