މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ނިންމަވައިފި އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވާނީ މިވަގުތު އެ މަގާމުގައި ހުންނެވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުންނެވެ.
މާލޭގެ މޭޔަރާ އެކު މާލެ ސިޓީ ކައުންސިލްގައި 19 ކައުންސިލަރުން ހިމެނެ އެވެ. މީގެތެރެއިން 12 ކައުންސިލަރުން ނިސްބަތްވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށެވެ. ދަ ޑިމޮކްރެޓުންގެ ތިން ކައުންސިލަރުން ތިއްބެވިއިރު އެމްޑީޕީގެ ދެ ކައުންސިލަރުންނާއި އަމިއްލަ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ.
"17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." ސޯޝަލް މީޑިއާގައި މަހްލޫފް ހިއްސާކުރި މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.
މާލެ އަކީ ކުރިން އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް ތަނެއްގެ ފާހަގަކުރެވެ އެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީއަށް މިހާރު ވަނީ މާލޭގެ މެޖޯރިޓީ ގެއްލިފަ އެވެ. އެކަން އެނގިގެންދަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން މާލެ އިން ހޯދާފައިވާ ބޮޑު އަގުލަބިއްޔަތާ ގުޅިގެންނެވެ. އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މާލޭގެ މެޖޯރިޓީ ވެސް ހޯދާފައިވަނީ ޕީޕީއެމް ޕީއެންސީ އެވެ.
ޔޫތު މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން މަހްލޫފް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ދެ ދައުރު ކުރައްވާފަ އެވެ.
މަހްލޫފް ފާހަގަކުރެވިފައިވަނީ އިސްލާހީ މަސައްކަތްތަކުގައި ވަރަށް އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުން ގެންދިޔަ ކަންކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވައި ހެއްދެވި އެވެ. އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައިވެސް ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުން ގެންދިޔަ ކަންކަމާ ދެކޮޅަށް ތެދުވެވަޑައިތުމާ ގުޅިގެން އޭރު ހުންނެވި ޕީޕީއެމް ދޫކުރެއްވުމަށް މަޖުބޫރުވެވަޑައިގެންނެވި އެވެ. އަދި އިސްލާހަށް ކުރެއްވި މަސައްކަތްތަކާ ގުޅިގެން އެތައް ފަހަރު އެތައް މަހަކަށް ޖަލުގައިވެސް ހުންނެވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިވެސް މަހްލޫފް ފާހަގަކުރެވިފައިވަނީ އެންމެ ހީވާގިކޮށް އަދި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރުގެ ގޮތުގައެވެ.