ދުނިޔެ

ހަމާސްއިން އިޒްރޭލަށް "އޮޕަރޭޝަން އަލްއަގްސާ ސްޓޯމް"ގެ ނަމުގައި ކުއްލި ހަމަލާތަކެއް

ފަލަސްތީންގެ ޣައްޒާއަށް މުގޫހިފައިގެން ތިބި ހަމާސް ޖަމާއަތުން ޔަހޫދީ އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީފި އެވެ. މިއީ ކުރިއާލައި އިއުލާންކުރުމެއް ނެތި ހަމާސްގެ އަސްކަރީ ގޮފިން ދޭން ފެށި ހަމަލާތަކެކެވެ.

އިސްރާއީލާ ދެކޮޅަށް ހަމާސްއިން ހިންގާ މި އޮޕަރޭޝަނަށް ކިޔާ ނަމަކީ "އޮޕަރޭޝަން އަލްއަގްސާ ސްޓޯމް" އެވެ. މިއީ އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކޮޅެއްގައި ޖެއްސުމަށް ފެށި އޮޕަރޭޝަނެއް ކަމަށްވެސް ހަމާސްއިން ބުނެ އެވެ.

އޮޕަރޭޝަން އަލްއަގްސާ ސްޓޯމް ފަށައިގަތީ އިޒްރޭލަށް ފޮނުވާލި 500 ރޮކެޓުންނެވެ. މިއަދަދު މިހާރު 5،000 ފަނައަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޣައްޒާގައި ގާއިމުވެ ތިބި ހަމާސްގެ ހަިތޔާރުއެޅި ސިފައިން އިޒުރޭލުގެ ސިފައިން ތިބޭ ސެކިއުރިޓީ ޕޯސްޓްތަކަށް ހަމަލާދީ އޭގެ ތެރެއިން ބައެއް ސިފައިން މިހާރު ތިބީ ހަމާސް އިން ރަހީނުކޮށްފަ އެވެ.

އަނެއްކޮޅުން ހަމާސްއަށް ތާއިދުކުރާ ގުރޫޕްތަކުން އިޒްރޭލުގެ ބޯޑަރު ހުރަސްކޮށް އެ ގައުމަށް ވަދެގެންފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަމާސްއިން އިޒްރޭލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތަކުގެ އިތުރުން އިންޖީނުއެޅި ވައިކުޑާގައި ފަލަސްތީން މީހުން ވަނީ އިޒްރޭލަށް ވަދެގެންފަ އެވެ.

ޣައްޒާއިން ދެމުން ގެންދާ ހަމަލާތައް އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށާއި އަދި އެއަށް ވުރެ ދުރު އަވަށްތަކަށް ފޯރާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ހަމާސްއިން ދިން ހަމަލާތަކުގައި އިޒްރޭލުގެ 100 އެއްހާ މީހުންނަށް އަނިޔާވެ، 80 އަށް ވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ހަމާސްއިން ކުއްލިއަކަށް ދޭންފެށި ހަމަލާތަކުން އިޒްރޭލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އިޒްރޭލުގެ މަގުތަކުގައި ޕާކްކޮށްފައި ހުރި ބައެއް އުޅަނދުތަކުގައި އަލިފާންހިފައި ޖެހިގެން ހުރި އިމާރާތްތަކުގައި ރޯވެފައި ހުރި މަންޒަރުތައް ވެސް ފެނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުން އިޒްރޭލުގެ އާންމު ބިރުން ފިލަން ދުވާތައް ފެނެ އެވެ. އަދި ހަމާސްއިން ފޮނުވާ ރޮކެޓްތައް އިޒްރޭލުގެ ތެރެއަށް އޮހޭތަން ވެސް ފެނެ އެވެ.

ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އާންމުންނަށް އަންގާފައިވަނީ ބޮމުން ރައްކާތެރިވާ ހިމާޔަތްތަކުގައި ތިބުމަށެވެ. އަދި ގެއިން ބޭރަށް ނުނިކު ތިބުމަށްވެސް ވަނީ އަންގާފަ އެވެ.

ހާމާސްއިން ދޭން ފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން މިހާރު ވަނީ ބަދަލުހިފުމަށް ތައްޔާރުވެފަ އެވެ. ހަމާސްއާ ދެކޮޅަށް އިޒްރޭލުން ފެށި އޮޕަރޭޝަނަނަށް ކިޔަނީ "އޮޕަރޭޝަން އަޔަން ސްވޯޑް" އެވެ.