ދުނިޔެ

ޔަހުދީންގެ ހަމަލާތަކުގައި ފަލަސްތީންގެ 413 މީހުން މަރުވެއްޖެ

ޔަހޫދީ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 413 ފަހަނައަޅައިފި އެވެ.

މީގެ އިތުރުން ޔަހޫދީ ސިފައިން ވަނީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން އަސީރުންގެ ގޮތުގައި ޖަހައިގަނެގެން ގެންގޮސްފަ އެވެ.

ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 78 ކުޑަކުއްޖަކާއި 41 އަންހެނަކު ހިމެނެ އެވެ. މީގެ އިތުރުން 2،300 މީހަކަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށްވެސް ފަލަސްތީނުން ބުނެ އެވެ.

ޣައްޒާއަށް މުގޫހިފައިން ތިބޭ ހަމާސް ޖަމާއަތުން ޔަހޫދީންނާ ދެކޮޅަށް ހޮނިހިރު ދުވަހު ހަމަލާދޭން ފެށި ސަބަބެއް ކަމަށް އެ ޖަމާއަތުން ބުނަނީ ފަލަސްތީނުން ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގައި ހުންނަ އަލް އަޤްސާ މިސްކިތުގައި ޔަހޫދީން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ފަލަސްތީންގެ ބިންތަކުގައި ވަޒަންވެރިވެ ތިބި ޔަހޫދީން ހިންގާ ހަމަނުޖެހުންތައް އިތުރުވުމާއި އެ މީހުންގެ ފަރާތުން ކުރިމަތިވާ އަނިޔާ އާއި ޖެއްސުން ހައްދުފަހައަޅައި ދިއުން ކަމަށެވެ.

ހަމާސްއިން ޔަހޫދީ އާބާދީތަކަށް އަމާޒުކުރި ހަމަލާތަކުގައި ފުރަތަމަ ބުރުގައި 5،000 އަށް ވުރެ ގިނަ ރޮކެޓް ވަނީ ފޮނުވާލާފަ އެވެ. ރޮކެޓް ހަމަލާތަކަށްފަހު ކަށިފާރު ވައްޓާލައި ބޯޑަރު ހުރަކޮށް ހަމާސްގެ އަސްކަރީ އެޖެންޓުން ވަނީ ޔަހޫދީ އާބާދީތަކަށް ވަދެގެންފަ އެވެ.

މި ހަނގުރާމައާއި ގުޅިގެން ޔަހޫދީ ދައުލަތުން މިހާރު އޮތީ މުޅި އާބާދީގައި ހަނގުރާމައިގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ޣައްޒާއަށް ހަމަލާދިނުމަށް ސީދާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރު ހިނގާ އަސްކަރީ ފައުޖުތަކެއް ވަނީ އެކުލަވާލާފަ އެވެ.

ހަނގުރާމައާ ގުޅިގެން ޔަހޫދީ ދައުލަތުން ދެން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ޔަހޫދީ ކެބިނެޓުން ނިމުމެއް ނެތް ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް ޔަހޫދީ ނޫސްތަކުން ބުނެ އެވެ.