ދުނިޔެ

އިނގިރޭސިވިލާތުގައި ފަލަސްތީންގެ ދިދަ ހޫރުވާ މީހުން ހައްޔަރުކުރަނީ

އިނގިރޭސިވިލާތުގައި ފަލަސްތީންގެ ދިދަ ހޫރުވުމާއި، ފަލަސްތީނަށާއި ފަލަސްތީނަށް ދާއިދުކުރާ ޖަމާއަތަށް ހިތްވަރުދިނުމަށް އަންބާކިޔުން ފަދަ އަމަލުތައް އަދަބު ލިބޭ ކުށަކަށް ހަދަނީ އެވެ.

އާންމު މަގުތަކުގައި، އާންމު އެއްވުންތަކުގައި މިފަދައިން އަމަލުކުރާ މީހުން ހުއްޓުވައި އަދަބު ކަނޑައެޅުމަށް ހޯމް ސެކްރެޓަރީ -- ހޯމް މިނިސްޓަރު، ސުއެލާ ބްރޭމްވަން މިހާރު އޮތީ ފުލުހުންނަށް އަމުރުކުރައްވާފަ އެވެ.

ފަލަސްތީނަށް ދާއީދުކޮށް ޅެންބައިތު ކިޔުމާއި ރާގުރާގަށް ފަލަސްތީނަށް ތާއީދުކުރުމަކީ ރުޅިއެރުވުމާއި ނަފުރަތުގެ އަމަލެއް ކަމަށް ހޯމް ސެކްރެޓަރީ ވިދާޅުވި އެވެ.

ޔަހޫދީ ދައުލަތް ނައްތާލަން ގޮވާލާ ގޮވާލުންތަކަށް އިނގިރޭސިވިލާތް ކެތްނުކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޓެރަރިސްޓުންނަށް ހިތްވަރު ލިބޭ ގޮތަށް ދިދަ ހޫރުވުމާއި ރާގު ރާގަށް އަންބާކިޔުމަކީ ވެސް ޓެރަރިޒަމަށް ހިތްވަރުން ދިނުން ކަމަށް ބަލަން ޖެހިދާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން އޮތީ އިންޒާރުދީފަ އެވެ.

ޔަހޫދީން އެކަހެރިކުރަން ގޮވުމާއި މަގުމަތިން ދިމާކޮށް ފޮށުން ފަދަ އަމަލުތަކަކީ ވެސް ރުޅީވެރިކަން އުފެއްދުމުގެ އަމަލެއް ކަމަށް އިނގިރޭސި ވަޒީރުން ދެކެ އެވެ.

މި ފަދަ ހަރަކާތްތައް ހިންގާ މީހުންނަށް ފުލުހުން ދޭ އިރުޝާދަށް ބޯނުލަނބައިފި ނަމަ އެއީ ފުލުހުންގެ އަމުރަށް ކިޔަމުން ނުވުން ކަމަށް ބަލައި ޖޫރިމަނާކުރުމާއި ވަކި މުއްދަތަކަށް ވެހިކަލް ދުއްވުން މަނާކުރުން ފަދަ އަދަބުތައް ތައްޔާރުކޮށްފައި ހުރި ކަމަށް އިނގިރޭސި ހޯމް މިނިސްޓްރީން ބުނެ އެވެ.

ޑިމޮކްރަސީއަށް ތާއީދުކޮށް ޚިޔާލުފާޅުކުރުމަށް ލޯބިކުރާ އިނގިރޭސިންނަށް މިހާރު ވެގެން އުޅޭ ގޮތަކީ އިނގިރޭސިވިލާތުގެ މަގުތަކުގައި ފަލަސްތީން މިނިވަންކުރަން ގޮވާލައި އާންމުން އެއްވުން ގިނަވުވެ.

އިނގިރޭސިވިލާތުގައި ހުންނަ، ޔަހޫދީ ދައުލަތް ތަމްސީލުކުރާ އެމްބަސީ ދޮށަން -- ފަލަސްތީން މިނިވަންކުރަން ގޮވާލައި އެއްވާ މީހުން ގިނަވެ، އަޑުގަދަވާން ފެށުމަކީ ވެސް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކުގެ ސަރުކާރަށް ކެތްކުރަން ދަތި ކަމަކަށް މިއޮތީ ވެފަ އެވެ.