ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބަހުސް ފަށައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން -- ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މިއަދު ފަށައިފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

މި ބިލު މަޖިލީހަށް ތައާރަފުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އަސްލަމް ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށްވެސް އިސްލާހު ހުށަހެޅިފައިވާކަން ފާހަގަކުރައްވާފަ އެވެ.

"މި ގާނޫނަށް މި ގެނެވޭ އިސްލާހު، ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހާ އެކުއެކީގައި ފާސްވެގެން ތަސްދީގުވެގެން ދިއުމަކީ މުހިންމު ކަމެއްކަމުގައިވާތީ މި ބިލު ހުށަހަޅަން،" އަސްލަމް ވިދާޅުވި އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް.
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު.
  • ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު.
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު.
  • އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.
  • ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް.
  • ރައީސުލްޖުމްހޫރއްިޔާ އައްޔަންކުރާ މީހަކު.
  • ބަންޑާރަ ނައިބު.
  • ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު.

ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުގެ ތެރޭގައި ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބޭފުޅާ އުނިކުރުން ހިމެނެ އެވެ.