މޯލްޑިވިއަން ރެޑް ކްރެސެންޓް

ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ފަލަސްތީނު ރެޑް ކްރެސެންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި އެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ލަޝްކަރުން ފަލަސްތީނުގެ ރައްޔިތުންނަށް މިދިޔަ ހޮނިހިރު ދުވަހުން ދުވަހުން ފެށިގެންދާ ހަމަލާތަކާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތުން ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ރެޑް ކްރެސެންޓް ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.

މޯލްޑިވިއަން ރެޑް ކްރެެސެންޓް (އެމްއާރްސީ) އިން މިއަދު ބުނީ ރާއްޖޭގައި ފަންޑެއް ހުޅުވީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން އެހީތެރިކަމަށް އެދުމުން އެކަމަށް އިޖާބަ ދިނުމުގެ ގޮތުންނާއި އިޒްރޭލުގެ އަނިޔާތަކުގައި ޒަހަމްވެ ހާލުގައި ޖެހޭ މީހުންނަށް ބޭނުންވާ އެހީތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

އެމްއާރްސީ އިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތެރޭގައި ފުރަތަަމަ އެހީ އާއި، އުޅަނދުފަހަރަށް ބޭނުންވާނެ ތެލާއި، ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނާއި ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބައެއް ކަންކަމަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ ވެސް ހިމެނެ އެވެ.

އެމްއާރްސީގެ ފަންޑަށް މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ފަންޑަށް ފައިސާ ފޮނުވަންވީ އެކައުންޓް

ބީއެމްއެލްގެ ރުފިޔާ އެކައުންޓް: 7701176022001
ބީއެމްއެލްގެ ޑޮލަރު އެކައުންޓް: 7701176022002

އެމްއައިބީގެ ރުފިޔާ އެކައުންޓް: 99010155500036100
އެމްއައިބީގެ ޑޮލަރު އެކައުންޓް: 99010155500036200

އެމްއާރްސީގެ ފަންޑް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.