ހަބަރު

ކޫއްޑޫ ކައިރިއަށް ލަނޑާނަގަން އެރި އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ރޭ ފަތިހު ގއ. ކޫއްޑޫ ފުއްޓަރުފަރާތަށް ލަނޑާނަގަން އެރި އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ބޮޑުދުނބުރިގެ، އަބްދުއް ރަޝީދު އަލީ (32އ) އެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ ކަޅުކުލައިގެ ސްވިމް ސޫޓެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ފެހިކުލައިގެ ފިންސަކަށް އަރައިގެން ހުރިއިރު އޭނާ ހުރީ އެލުމިނިއަމް ކުލައިގެ ފުޅިއެއް އަޅައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގެއްލިގެން ހޯދަމުންދާ އަބްދުއް ރަޝީދު އަލީ މޫދަށް ފޭބުމަށްފަހު މިސްރާބު ޖަހާފައިވަނީ ގއ. ވިލިގިއްޔާ ދިމާއަށްކަމަށް އޭނާ އާއެކު ލަނޑާނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެ އެޗެ.

އަބްދުއް ރަޝީދު އަލީ ގެއްލިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:15 ހާއިރު ފުލުހުންނަށް ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ސަރަހައްދުގެ އޮއި އޮތީ އަތޮޅުގެ އެތެރެވަރިއަށް ވާގޮތަށެވެ. އަދި އެދިމާލުގެ އޮއި ހުރީ ވިލިގިއްޔާ ދިމާއަށެވެ.

އަބްދުއް ރަޝީދު އަލީ ގެއްލިފައިވާ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފި ނަމަ ކޯސްޓް ގާޑް ނުވަތަ ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.