ދުނިޔެ

ޔަހޫދީން ޣައްޒާ ހޮސްޕިޓަލަށް ދިން ހަމާލާއާ ގުޅިގެން ބައިޑަންގެ ދަތުރު ކެންސަލްކޮށްފި

ފަލަސްތީން ރައްޔިތުންގެ ލެޔަށް ފެންބޮވައިގެންފައި އޮތް ޔަހޫދީ ދައުލަތުން ޣައްޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަށް ދިން ރޮކެޓް ހަމަލާތަކަކާ ގުޅިގެން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އުރުދުންއަށް ކުރައްވަން އޮތް ދަތުރު ކެންސަލްކޮށްފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެ އެވެ.

މި ބައްދަލުވުމަކީ އަރަބި މުސްލިމުންގެ ލެޔަށް ކަރުހިއްކައިގެންފައި އޮތް ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވަން އޮތް ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައި އޮތީ އުރުދުންގެ ވެރިންނާއި، މިސްރު، ފަަލަސްތީން އަދި އެމެރިކާ އެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ވާހަކަދައްކައި މަޝްވަރާކުރުމަށް ވުރެ މިވަގުތަށް މުހިއްމީ ހަމަލާތައް ހުއްޓާލުމެވެ. މިކަމުގައި އެމެރިކާއަށް ކަމެއް ކޮށްދެވެން ނެތްނަމަ މަޝްވަރާކުރުމަކީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.

ޣައްޒާ ހޮސްޕިޓަލުގެ ގޯތިތެރެއަށް ވާގޮތަށް ޔަހޫދީ ޖެޓުތަކުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 800 ފަހަނައަޅާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހަމާސް އިން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުން މިހާތަނަށް 500 މަރު ވަނީ ރެކޯޑް ކުރެވިފަ އެވެ.

ޖޯ ބައިޑަން ވަރަށް ކުއްލި ގޮތަކަށް މެދުއިރުމައްޗަށް ދަތުރެއް މި ފެއްޓެވީ ޔަހޫދީ ދައުލަތުން ކުސްތަޅަން ފެށުމުންނެވެ. ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތީ ބައިޑަންއަށް ދައުވަތެއްވެސް އަރުވާފަ އެވެ.

ޔަހޫދީ ބޮޑުވަޒީރުގެ ގޮވާލުމަކީ ޔަހޫދީންނަށް ބައިޑަން ކަމޭހިއްތަވާނަމަ އަވަސް މުއްދަތެއްގައި ޔަހޫދީ އާބާދީތަކަށް ވަޑައިގެން ދެއްވުމެވެ. އޭރުން މޭފުއްޕާފައި ހުންނެވުމުގެ ފުރުސަތު އެ މަނިކުފާނަށް އޮންނާނެ އެވެ. އަދި ޣައްޒާގެ ރައްޔިތުގެ ލެއިން ނާނެފިއްލެވުމަށް ލިބިވަޑައިގަންނަވާނެ ހުއްދައަކަށްވެސް ވެގެންދާނެ އެވެ.

އުރުދުންއަށް ވަޑައިގަތުން ބައިޑަންއަށް މަނާވި ނަމަވެސް، ޔަހޫދީ އާބާދިތަކަށް ވަޑައިގަތުމަށް އެޖެންޑާގައި އޮތް އައިޓަމް ފުރިހަމަކުރައްވާނެ އެވެ. އަދި ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫގެ އަރިހަށް ވަޑައިގެން އަތްޖައްސަވައި ހިނިފުޅުވަޑުވައި އުފާފާޅުކުރައްވާނެ އެވެ.