ޔަހޫދީ އަސްކަރިއްޔާއިން މި މަހު ހަތަކުން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވެ ދިޔަ 18 ގަޑިއިރު ތެރޭގައި ހަމަލާތައް އާދާޔާ ޚިލާފަށް އޮތީ ވަރުގަދަކޮށްފަ އެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި ވަޔާއި ކަނޑުން އަދި އެއްގަމު ރޮކެޓުތަކުން ޣައްޒާއަށް ހަމަލާތައް ދީފައި ވަނީ އެއެއް މިއެއް ނުބަލަ އެވެ.
މުވާސަލާތީ ޚިދުމަތް ކަނޑާލައި އަދި އިންޓަނެޓްގެ ޒަރިއްޔާއިން ފަލަސްތީން ދުނިޔެއާ ގުޅިފައި ހުރި ގުޅުން ވެސް ވަނީ ޔަހޫދީ ޖޭމަރު މަތިންދާބޯޓުތަކުން ކަނޑާލާފަ އެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން ޔަހޫދީ ބާރުތަކުން ޣައްޒާގެ މުވާސަލާތީ ގުޅުން ކަނޑާލީ އެއްގަމުން އަރައިގަތުމަށެވެ.
އައިމަން ސަފާދީ ވިދާޅުވި ގޮތުގައި ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާގެ ބޯޑަރަށް ވަދެގަނެ ނާޒުކު އަމާޒުތަކަށް ވަނީ ހަމަލާދީފަ އެވެ. އޭނާ އަދި ވިދާޅުވީ ޣައްޒާއަށް މިހާރު އެ ދޭ ހަމަލާތަކަކީ ވެސް ޣައްޒާގައި ތިބެގެން ޔަހޫދީން ދޭ ހަމަލާތަކެކެވެ.
ނަމަވެސް، ޔަހޫދީ އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއެލް ހަގާރީ ވިދާޅުވި ގޮތުން ރަސްމީ ގޮތުން އަދި ޣާއްޒާއަށް އަރައެއް ނުގަނެވެ. ރަސްމީ ގޮތުން އަރައިނުގަންނަ ކަމަށް ވިދާޅުވުމުން ދޭހަވަނީ ޔަހޫދީން މިހާރު ވެސް ތިބީ ޣައްޒާގައި ކަމެވެ.
ޣައްޒާއަށް އެއްގަމު މަގުން އަރައިނުގަތުމަށް މުޅި ދުނިޔެ ކަހަލަ ގޮތަކަށް ގޮވަމުން ދިޔަ ނަމަވެސް، ބޯރަހު ޔަހޫދީން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ޣާއްޒާއަށް އަރައިގަނެ މުސްލިމުންގެ ލޯބޯން ޔަހޫދީން ތިބީ ކަރުހިއްކައިގެންފަ އެވެ.
އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޔަހޫދީ އަސްކަރިއްޔާ އެއްގަމުން މަގުން ޣައްޒާއަށް އެރުން ހުއްޓުވޭތޯ ގައުމުތަކާ އެކު މަޝްވަރާ އެބަކުރެވެ އެވެ.
އަލްޖަޒީރާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވަނީ މީޑިއާގައި އަރަބިން އަމާޒުކޮށް ދެކެވޭ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ.
ޔަހޫދީންގެ ގަދަފަދަ އަސްކަރިއްޔާއިން ޣައްޒާ ސުންނާފަތިކުރަމުން ދާއިރު އަރަބިން ތިބެނީ އަތްއުރާލައިގެން ކަމަށް ބުނެ ދެކެވޭ ވާހަކަތާ މެދު ވަޒީރު ވިދާޅުވީ، އަރަބިން ކުރާ ވަރަށް ދުނިޔޭގެ މަސްލަހަތަށް ވެސް އެހެން ބަޔަކު މަސައްކަތްނުކުރާ ކަމަށެވެ.
އަރަބިންނަށް ފަލަސްތީން އަދި މާ މުހިންމުވާނެ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ އަރަބިންނަކީ ފަނާކުރާ ބައެއް ނޫން ކަމަށެވެ.